އެކަނިމާއެކަނި ދިރިއުޅެމުން ކޭކެއް އެޅުމަށް ބޭނުންވާ ތަކެތި ހޯދުމާއި، ކޭކުއަޅައި، އައިސިން ޖަހާ އަދި ބުނާތާކަށް ޑެލިވާ ކުރުމަކީ ޔަގީނުން ވެސް ކުރަން ފަސޭހަ ކަމަކަށް ނުވާނެ އެވެ. އެހެން ނަމަވެސް އެއްވެސް ޝަކުވާއެއް ނެތި ހިތްވަރު ކޮށްފައި ކުރި މަސައްކަތުގެ ނަތީޖާ މި ހުނަރުވެރިޔާއަށް އޭނާގެ ކޭކަށް ވުރެ ވެސް "ފޮންޏޭ" ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. މިއަދު އޭނާއަށް ލިބިފައިވާ ބޮޑު ސަމާލުކަމާއި ކުރިއެރުމުގެ އެންމެ ބޮޑު ސިއްރަކީ މަސައްކަތުގައި ހިފެހެއްޓި "ޑިސިޕްލިން" ކަމުގައި ބުނެވިދާނެ އެވެ.
ކަރުދާހުން ރީތި މާބޮކޭ ހެދުމަކީ ސ. ހިތަދޫއަށް އުފަން، އައިޝަތު ސަލީމް (އައިޝާ) ފޫހިކަމެއް ނެތި އަދި ވަރުބަލިކަމެއް ނެތި ކުރި މަސައްކަތެކެވެ. އެ މަސައްކަތް އިސްތިހާރު ކުރުމަށް، އިނގިރޭސި ބަހުން މަލުގެ ބަޔަކަށް ކިޔާ "ސްޓިގްމާ"ގެ ނަންދީ، "ސްޓިގްމާ އަންޑަ ސްކޯ އެމް އޭ"ގެ ނަމުގައި ޕޭޖެއް ހުޅުވި އެވެ. އޭރު އޭނާ މާ ހަދަން ބޭނުންކޮށް އުޅުނީ ރިސައިކަލް ކަރުދާހެވެ. މާތަކަށް އިތުރު ފުރިހަމަ ކަމެއް ގެނައުމަށްޓަކައި ކުލަ ޖައްސައި ވެސް ހެދި އެވެ. އެ މާތަކުގެ ފޮޓޯ އޭނާގެ ޕޭޖަށް ލުމުން ގިނަބައެއްގެ ތަރުހީބު ލިބެން ފެށި އެވެ. އަދި ބޮކޭ ހެދުމަށް ލިބޭ އޯޑާތައް ވެސް ގިނަވާން ފެށި އެވެ.
"ފަހުން އެ މަސައްކަތް އަޕްގްރޭޑް ކޮށްލަން ހިތަށް އަރައި ޔޫޓިއުބް ބަލަމުން ދަނިކޮށް ފެނުނީ ކްލޭއިން މާހަދަނިކޮށް. ދެން އެ މަސައްކަތް ދަސްކޮށް ވެޑިން ތީމާ ގުޅޭ ކްލޭ މާބޮކޭ ހަދަން ފެށީ،" އައިޝާ އޭނާގެ މަސައްކަތް ފެށުނު ގޮތް ހިއްސާކޮށްލީ މިހެންނެވެ.
މަލުން ކޭކު އެޅުމަށް
ކްލޭމާގެ މަސައްކަތް ވަރަށް ހަލުވި ދުވެއްޔެއްގައި ކުރިއަށް ދަނިކޮށް އޭނާ ކޭކު އަޅާ ހިތްވި އެވެ. ކޭކު އަޅަން ދަސްކުރީ ޔޫޓިއުބް ބަލައިގެންނެވެ. އެއަށްފަހު، އާއިލާ މީހުންގެ ހާއްސަ ދުވަސް ދުވަހު އޭނާ ކޭކު އަޅައި ދޭން ފެށި އެވެ. ފަހުން އޭނާ އަޅާ ކޭކުތަކުގެ ފޮޓޯ އޭނާގެ ޕޭޖްގައި ވެސް ހިއްސާކުރަން ފެށި އެވެ. އެ ހިސާބުން އާންމުންނަށް އޭނާގެ ހިތްގައިމު ކޭކުތައް ފެނި ކޭކު އޯޑާ ދޭން ފެށި އެވެ.
އެއްވެސް ކޯހެއް ނުހަދައި އަމިއްލައަށް ކޭކު އަޅަން ދަސްކުރި ނަމަވެސް، އޭނާއަށް މީހުންގެ ފަރާތުން ވަރަށް ހިތްހަމަޖެހޭ ކޮމެންޓު ލިބެ އެވެ. ކޭކުގެ ރަހަ މީރުކަމާއި މަސައްކަތުގެ ފުރިހަމަކަން ބަޔާންކޮށެވެ. އެއްފަހަރު ކޭކު އަޅައިދީފި ނަމަ، ހަމަ އެ ކްލަޔަންޓުގެ ކުރިއަށް ހުންނަ ހުރިހާ އިވެންޓަކަށް ވެސް ކޭކު އެޅުމަށް އޯޑަރު ދޭކަން އޭނާ ވަރަށް އުފަލާއެކު ފާހަގަ ކުރި އެވެ.
އައިޝާ ވަނީ ފަހުން މާސްޓާސް އަދި އެޑްވާސް ލެވެލްގެ ކޭކު ކޯސްތަކެއް ރާއްޖެ އާއި ރާއްޖޭން ބޭރުން ފުރިހަމަކޮށްފަ އެވެ. ރާއްޖެއިން ބޭރުގެ ކޯސްތައް ފުރިހަމަކުރީ ބެންގަލޫރުގަ އެވެ. ރާއްޖޭގަ ފުރިހަމަ ކުރި ކޯހަކީ ރާއްޖޭން ބޭރުގެ ދެ ކޭކު އާޓިސްޓުން ރާއްޖެ އައިސް ހިންގި ކޯހެކެވެ. މި ކޯސްތައް އޭނާ ފުރިހަމަ ކޮށްފައި ވަނީ ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގަ އެވެ.
އައިޝާ މިހާތަނަށް ފުރިހަމަ ކޮށްފައިވާ ކޯސްތައް:
1- މޮޑާން ކޭކް އާޓިސްޓްރީ މާސްޓާ ކްލާސް(ބެންގަލޫރު)
2- ވެފާ ޕޭޕާ ފްލަވާސް މާސްޓާ ކްލާސް (ބެންގަލޫރު)
3- ބަޓާ ކްރީމް ބްރަޝް ޕެއިންޓިން މާސްޓާ ކްލާސް (ބެންގަލޫރު)
4- ބަޓާ ކްރީމް ސްކަލްޕްޗާ މާސްޓާ ކްލާސް (ބެންގަލޫރު)
5- އެޑްވާންސް ރޯޔަލް އައިސިން
6- އެޑްވާންސްޑް ޓޮޕިން ކްރީމް ފްލާވާ ޕައިޕިން ވޯކްޝޮޕް
ހުރިހާ ވައްތަރެއްގެ ކޭކު ވެސް އަަޅައިދޭ
"ބާތު ޑޭ ކޭކްސް އަދި ވެޑިން ކޭކްސް ހިމެނޭހެން އަޅުގަނޑު ހުރިހާ އޮކޭޝަނަކަށް ވެސް ކޭކު އަޅައިދެން. ކޮންމެ ދުވަހަކު އޯޑާ ނުލިބުނަސް ހަފްތާއެއްގެ ތެރޭގައި ރަނގަޅު އިންކަމެއް ލިބޭ ވަރަށް އޯޑާސް ލިބޭ. ދެން ވަކި ވަރަކަށް ވުރެ ބޮޑު އަގެއްގެ އޯޑާއެއް ދީފި ނަމަ، ޑެލިވާ ވެސް ކޮށްދެން،" އައިޝާ އިތުރަށް ކިޔައިދިނެވެ.
އައިޝާ ބުނިގޮތުގައި ކަސްޓަމާއަށް ކޭކް ޑެލިވަރީ ކޮށްދެވޭ ވަގުތަކީ އޭނާއަށް ވަރަށް ބޮޑު އުފަލެއް ލިބޭ ވަގުތެކެވެ. އެއީ ކޭކު އަޅާ ތައްޔާރު ކުރުމަށް ފަހު، އެކޭކު "ޕާފެކްޓް" ކޮށް ނުވަތަ އެންމެ ފުރިހަމަ ކަމާ އެކު ހަވާލު ކޮށްލެވުނު ކަމުގެ ޔަގީންކަން ލިބުމުން ވެރިވާ ހިތްހަމަޖެހުމެއްގެ ބޮޑުކަމުން ކަމަށެވެ.
"އެކަނި މަސައްކަތް ކުރި ނަމަވެސް ބިޒީވެގެން އުޅޭ ވަގުތެއްގައި ކޮއްކޮމެން ކައިރީ ބުނެލައިފިނަމަ، ދުރުގައި ދިރިއުޅެމުން ވެސް، އެހީތެރިވާން އައިސްދޭ. އެކަމަށްޓަކައި އެކުދިންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން،" އައިޝާ ބުންޏެވެ.
އޭނާ ކޭކު އަޅާފައި އަދި ނިންމާލީ އޭއް ނޫނެވެ. މިހާތަނަށް އޭނާވަނީ ގިނަ ވާދަވެރި އިވެންޓްތަކެއްގައި ބައިވެރިވެ ވަރަށް ކުލަގަދަ ކާމިޔާބީތަކެއް ވެސް ހޯދައިފަ އެވެ.
ބައިވެރި ވެފައިވާ އިވެންޓްތަކާއި ކާމިޔާބީތައް:
1- ވެޑިން ކޭކު އާޓިސްޓް އެޑްވާންސް އެވޯޑް (އޭޝިއާ އޮސްކާ އެވޯޑް)
2- ގްރޭންޑް މާސްޓާ ވެޑިން ކޭކް އާޓިސްޓް އޮފް ދަ އިއާ އެވޯޑް (ވޯލްޑް ކޭކް އާޓިސްޓްރީ)
3- މޮޑާން އާޓް ވެޑިން ކޭކް އެޑްވާންސްޑް އެވޯޑް (އޭޝިއާ އޮސްކާ އެވޯޑް)
އޭނާއަށް އޭޝިއާ އޮސްކާ އެވޯޑް ލިބިފައި ވުމުން އޭނާގެ މަސައްކަތަށާއި ތަޖުރިބާއަށް ބަލާފައި ސްރީލަންކާގައި 2025 އަދި 2026 ގައި ބޭއްވި ކޭކްސް އެވޯޑަސްގައި ޖަޖްކަން ކުރުމުގެ ފުރުސަތު ލިބިފައިވެ އެވެ.
"ޖަޖެއްގެ ގޮތުގައި އަޅުގަނޑު އެކި ގައުމުތަކުގެ ތަޖުރިބާކާރު އާޓިސްޓުންނާ އެކު މަސައްކަތް ކުރިން. އެމީހުންގެ ފަރާތުން ވަރަށް ގިނަ ކަންކަން ދަސްވި،" އައިޝާ ބުންޏެވެ.
ކޭކު އެޅުމުގެ އިތުރުން އެކި ކޯސްތައް ވެސް އައިޝާ ހިންގަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ބޭސިކް އެޑްވާންސް ކޭކް ކޯސް، ވެޑިން ކޭކް ކޯސް، އަދި ޝުގާ ފްލާވާ ކޯހެވެ. ކުރިއަށް އޮތްތަނުގައި ވެފާ ޕޭޕާ ފްލާވާ ކުލާހެއް ވެސް ހިންގުމަށް އޭނާ ދަނީ ވިސްނަމުންނެވެ. ކުލާހެއް ހިންގަން ބަލާއިރު ޖާގައިގެ ދަތި ކަމަކީ އޭނާއަށް މިވަގުތު ދިމާވެފައިވާ އެއް މައްސަލަ އެވެ.
މިހާރަށް ވުރެ ތަނަވަސް މާހައުލެއްގައި އޭނާގެ ކޯސްތައް ހިންގުމަކީ އޭނާގެ ވަރަށްބޮޑު އުންމީދެކެވެ. އޭގެ އިތުރުން ކޭކު އެޅުމަށް ބޭނުންވާ ބައެއް ތަކެތި ރާއްޖެއިން ލިބެން ނުހުންނަ ކަމާއި ލިބޭ އެއްޗެއް ވެސް އަވަހަށް ހުސްވާކަން އޭނާ ހިތާމަޔާއެކު ފާހަގަ ކުރި އެވެ.
ކޭކު އެޅުމާއި ކޭކު ކޯސް ހިންގުމަކީ އައިޝާ ވަރަށް ކުރާހިތުން ކުރާ ދެކަމެވެ. އެ މަސައްކަތުގައި މިހާރު 10 އަހަރު ވެފައިވާއިރު، އެމަސައްކަތުގައި ދެމި ހުރެވުމުގެ ސިއްރަކީ އޭނާކުރާ މަސައްކަތުގެ ރީތިކަމާއި އަދި އެކަމަށް ފަރުވާ ބެހެއްޓޭތީ ކަސްޓަމާސް އޭނާއަށް ކުރާ އިތުބާރު ދެމެހެއްޓިފައިވުން ކަމުގައި އޭނާ ގަބޫލުކުރެ އެވެ.
އޭނާގެ ދަރިވަރުން ވެސް އޭނާ ފަދައިން މަސައްކަތުގައި އަމިއްލަވަންތަ ގޮތް ދެއްކުމަކީ އޭނާ ވަރަށް އެދޭ ކަމެކެވެ. ފިހާރަތަކުން ގަންނަމާ ކޭކުގައި ޖެހުމުގެ ބަދަލުގައި އަމިއްލައަށް ހަދާމާ ކޭކުގައި ބޭނުންކޮށް އަމިއްލަ ހުނަރު ދެއްކުމަށް އޭނާ ނަސޭހަތްތެރިވެ އެވެ.
އައިޝާ ދެކޭ ގޮތުގައި ކޭކުއެޅުމަކީ ކުރަން ކެރިގެން ކޮށްފިނަމަ، ރަނގަޅު އާމްދަނީއެއް ލިބޭ މަސައްކަތެކެވެ. ގޭގައި ހުރެގެން ވެސް ކުރެވޭނެ މަސައްކަތަކަށްވުމުން އެދާއިރާއަށް ވީހާ ގިނަ އަންހެން ކުދިން ނުކުތުމަށް އޭނާ އެދެ އެވެ.