ހޮލީވުޑްގެ މަޝްހޫރު އެކްޓަރު އަދި ކުރީގެ ރެސްލިންގް ތަރި ޑްވޭން ޖޯންސަން (ދަ ރޮކް)ގެ ކުރިއަށް އޮތް ފިލްމު "ލިޒާޑް މިއުޒިކް"ގެ ސެޓުގައި ނަގާފައިވާ އޭނާގެ އާ ފޮޓޯތަކެއް އާއްމު ކޮށްފި އެވެ.

އާއްމުކޮށް ދަ ރޮކް ފެންނަ ބިޔަ އަދި ވަރުގަދަ ހަށިގަނޑާ މުޅިން ހިލާފަށް އެ ފޮޓޯތަކުގައި އޭނާ ފެންނަނީ ވަރަށް ބަލިކަށި އަދި ހިކި މީހެއްގެ ސިފައިގަ އެވެ.

ނިއުޔޯކުގައި ކުރިއަށްދާ އެ ފިލްމުގެ ޝޫޓިން ސެޓުން ނަގާފައިވާ ފޮޓޯތަކުން ގިނަ ބަޔަކަށް ހައިރާންކަން ގެނުވައިވާއިރު އެ ފޮޓޯތަކުން ދަ ރޮކް ވަކި ކުރަން ވެސް ނޭނގޭ ކަމަށް ގިނަ ބަޔަކު ބުނެ އެވެ.

ބެނީ ސަފްޑީ ޑައިރެކްޓްކުރާ މި ފިލްމުގެ މަންޒަރުތަކުގައި އޭނާ ފެންނަނީ ވަރަށް ބަލިކަށި، ގައިބާރު ދެރަވެ ފައިވާ މީހެއްގެ ގޮތުގަ އެވެ.

މި ފޮޓޯތައް އާއްމުވުމާއެކު ސަޕޯޓަރުންނާއި ފިލްމީ ދާއިރާގެ ފަރާތްތަކުން އަންނަނީ ބޮޑު ހައިރާންކަން ފާޅު ކުރަމުންނެވެ. އާންމުކޮށް އެކްޝަން ފިލްމުތަކުން ފެންނަ އެންމެ ގައިބާރުގަދަ އެއް ތަރި މިފަދަ ތަފާތު އަދި އާދަޔާހިލާފު ރޯލަކުން ފެނިގެންދާތީ، މިއީ އޭނާގެ ފިލްމީ ހަޔާތުގައި ކުރާނެ ވަރަށް ބޮޑު ތަޖުރިބާއެއް ކަމަށް ގިނަ ބަޔަކު ދެކެ އެވެ.

ފިލްމުގެ ޕްރޮޑަކްޝަނާއި ޑައިރެކްޓަރު ބެނީ ސަފްޑީގެ މި މަސައްކަތަށް ގިނަ ބަޔަކު ތައުރީފު ކުރަމުންދާއިރު، މި ފިލްމަކީ މުޅިން ތަފާތު މޮޅު މަސައްކަތަކަށް ވެގެންދާނެ ކަމަށް ބެލެވެ އެވެ.