ދުނިޔޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ބަތަލާ އެރިއާނާ ގްރޭންޑޭ އޭނާގެ އެންމެ ހާއްސަ އެއް ސިފަ ކަމަށްވާ 14 އަހަރު ވަންދެން ގެންގުޅުނު ދިގު "ޕޯނީ ޓެއިލް" ހެއާސްޓައިލް ދޫކޮށްލައި، މުޅިން އާ ލުއި ރެޓްރޯ ބޮބް ސްޓައިލްއަކަށް އިސްތަށިގަނޑު ބަދަލު ކޮށްލައިފި އެވެ.

އިންސްޓަގްރާމްގައި އާންމުކުރި އާ ސެލްފީތަކަކުން އޭނާ ދައްކާލާފައިވާ މި އާ ހެއާސްޓައިލާއެކު، އިންޓަނެޓުގައި އޭނާގެ ސަޕޯޓަރުން ވަނީ މި އާ ލުކްއަށް “ބޮބިއާނާ ގްރޭންޑޭގެ ނަމުން ނަންދީފަ އެވެ.

މި ރެޓްރޯ ބޮބް ކަޓުގައި އިސްތަށިގަނޑުގެ ކޮޅުތައް ބޭރަށް ލަންބާލާފައިވާއިރު، މިއީ އޭނާގެ ސަޕޯޓަރުންނަށް އަބަދުވެސް ފެންނަމުން އައި ދިގު ޕޯނީ ޓެއިލްއާ މުޅިން ތަފާތު ލުއި އަދި ފުރިހަމަ ސްޓައިލެކެވެ.

އިންސްޓަގްރާމްގައި މި ފޮޓޯ ހިއްސާ ކުރަމުން އޭނާ ވަނީ ލޯބީގެ ރަމްޒެއް ދައްކުވައިދޭ ހިތެއްގެ އިމޮޖީއެއް ޖަހާފަ އެވެ.

އެރިއާނާގެ މި ބަދަލަށް އޭނާގެ ގާތް އެކުވެރިންނާއި ސަޕޯޓަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދާއިރު، މަޝްހޫރު މޮޑެލް ޖީޖީ ހަދީދު ވެސް ވަނީ އެރިއާނާގެ މި އާ ހެއާސްޓައިލް ވަރަށް ލޯބިކަމަށް ބުނެ ކޮމެންޓް ކޮށްފަ އެވެ.

ގިނަ ބަޔަކު ދެކޭ ގޮތުގައި މިއީ އަރިއާނާގެ ހަޔާތުގެ މުޅިން އާ ޗެޕްޓަރެއް ނުވަތަ "ބޮބިއާނާ" ޒަމާނެއްގެ ފެށުމެވެ.