ހުޅުމާލޭ ސަހަރާގައި މީހުން ވަޅުލުމަށް ވަޅު ކޮނުމުން ފެން އަރާތީ، އެ ސަހަރާގައި މީހުން ވަޅުލުން ވަގުތީ ގޮތުން މެދުކަނޑާލައި މައްޔިތުން ވަޅުލުމުގެ ކަންކަން މާލޭ އާސަހަރާއަށް ބަދަލުކޮށްފި އެވެ.

މާލެ ސަރަހައްދުގެ ސަހަރާތަކުގެ ކަންކަން ބަލަހައްޓަމުން އަންނަ މާލެ ސިޓީ ކައުންސިލުން މިއަދު ބުނީ، ހުޅުމާލޭ ސަހަރާގައި ކޮންނަ ކަށްވަޅުތަކުގައި ގާތްގަނޑަކަށް 8 އިންޗިއާއި 9 އިންޗިއާ ދެމެދުގެ މިންވަރަކަށް ފެން ހަރުލާފައި ހުންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން، މި ވަގުތަށް ހުޅުމާލޭގައި މީހުން ވަޅުލުން މެދުކަނޑާލުމަށް ފަހު، ހުރިހާ ޖަނާޒާއެއްގެ ކަންކަން މާލޭ އާސަހަރާއަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ.

އާންމު ގޮތެއްގައި މާލެ ސަރަހައްދުގައި މީހުން ވަޅުލައި އުޅެނީ މާލޭ އާސަހަރާގެ އިތުރުން ހުޅުމާލޭ ސަހަރާގައެވެ. މީގެ ކުރިން މާލޭ އާސަހަރާ މިސްކިތް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށްޓަކައި އެ ތަން ބަންދުކޮށްފައި އޮތް ދުވަސްވަރު، މާލެ އާއި ހުޅުމާލޭގައި ނިޔާވާ އެންމެން ވަޅުލަމުން ގެންދިޔައީ ހުޅުމާލޭ ސަހަރާގަ އެވެ.

މޫސުން ގޯސްވެ ވާރޭވެހުމުގެ ސަބަބުން މީގެ ކުރިން ވެސް މިފަދަ ހާލަތްތަކުގައި ސަހަރާތަކަށް ބަދަލު ގެނެސްފައިވެ އެވެ.