އެމެރިކާއިން މިއަދުގެ ވަގުތެއްގައި އީރާނަށް ހަމަލާދީފާނެ ނުވަތަ ތެހެރާނާއެކު "ބޮޑު އަދި ފުރިހަމަ" އެއްބަސްވުމަކަށް އާދެވިދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޮނިހިރު ދުވަހު ވިދާޅުވެއްޖެ އެވެ. ޓްރަމްޕް މިހެން މި ވިދާޅުވީ އީރާނަށް ދޭ ހަމަލާތައް އަލުން ވަރުގަދަކުރުމާ މެދު ޓްރަމްޕް ވިސްނަވަމުންދާ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.

"އަޅުގަނޑުމެން މިދަނީ އެކަމާ މެދު ވިސްނަމުން، ބަޔެއް ފަހަރު މާދަމާ ވެސް އެކަން ކޮށްފާނަން،" އީރާނަށް ހަމަލާދިނުމާ މެދު ވިސްނުން ހުރީ ކިހާ ހިސާބެއްގައިތޯ ނޫސްވެރިން ސުވާލުކުރުމުން ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި އެމެރިކާއާއެކު އެއްބަސްވުމަކަށް އައިސްގެން އިތުރު އަސްކަރީ ފިޔަވަޅުތަކުން އީރާނަށް ސަލާމަތްވެވިދާނެ އެވެ. "އެމީހުން ބޭނުންވަނީ އެއްބަސްވުމެއް ގާއިމުކުރަން، ނަމަވެސް އޮތް މައްސަލައަކީ އެމީހުން އެ އެއްބަސްވުމުގައި ހިފަހައްޓާނެތޯ އުފެދޭ ސުވާލު،" ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕް ވަކާލާތު ކުރެއްވި ގޮތުގައި އޭނާގެ އަމާޒަކީ އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުން ހުއްޓުވުމެވެ. އަދި މީގެ ކުރިން ބީ-2 ބޮންއަޅާ ބޯޓުތައް ބޭނުންކޮށްގެން އެމެރިކާއިން ހިންގި އަސްކަރީ އޮޕަރޭޝަނަކީ ދާއިމީ ނަތީޖާއެއް ކަށަވަރު ކުރުމަށް ފުދޭވަރުގެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ބޭނުންވަނީ މިއީ ދާއިމީ ކަމަކަށް ހަދަން. އެއީ މިކަން ކުރަންޖެހޭ ހަމައެކަނި ސަބަބަކީ،" އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، ހަނގުރާމަ ފެށުމުގެ ކުރިއާ އަޅާބަލާއިރު ހޮރްމުޒް ކަނޑުއޮޅިން ތެޔޮ އުފުލާ މިންވަރު އިތުރުވެފައިވާ ކަމަށް ވެސް ރައީސް ޓްރަމްޕް ވިދާޅުވި އެވެ. ނަމަވެސް އެކަމާ ގުޅޭ ތަފާސްހިސާބެއް އޭނާ ހާމައެއް ނުކުރައްވަ އެވެ.

ދެން އަމަލުކުރާނެ ގޮތަކާ މެދު ވަކި ގޮތެއް ނިންމަވާފައި ނުވާއިރު، އޭނާ ހުށަހެޅުއްވީ އަސްކަރީ ފިޔަވަޅު އެޅުން ނުވަތަ މަޝްވަރާކުރުމެވެ.

"އަޅުގަނޑު މިކަން ނިންމާލަން ޖެހިދާނެ، ނުވަތަ އެމީހުން އެއްބަސްވުމަކަށް އަތުވެދާނެ. އެކަމަކު އަދި ޔަގީނެއް ނޫން. ކޮންމެ ގޮތެއް ވިޔަސް ކުރިލިބޭނީ އަޅުގަނޑުމެންނަށް،" ޓްރަމްޕް ވިދާޅުވި އެވެ.

ފެބްރުއަރީ މަހު ފެށުނު އީރާނާ ދެކޮޅު އެމެރިކާ-އިޒްރޭލް ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގައި ބޮޑު ހަމަނުޖެހުމެއް އުފެދިފައިވާއިރު، ހަމަލާބަދަލުކުރުން ހުއްޓާލުމަށާއި ސުލްހައިގެ އެއްބަސްވުމެއް ގާއިމުކުރުމަށް މަސައްކަތް ކުރި ނަމަވެސް މި މައްސަލައަށް އަދިވެސް ހައްލެއް ލިބިފައެއް ނުވެ އެވެ.