ށ. ފުނަދޫގެ ޕެޓްރޯލް ޝެޑްގައި މިއަދު ހެނދުނު ރޯވެ، އެ ސަރަހައްދުގައި ހުރި ގެއަކާއި ގަރާޖެއް ވެސް އަނދައިފި އެވެ.

އާންމުން ވެސް ދިރިއުޅޭ ސަރަހައްދުގައި ހުރި ފުނަދޫގެ ހަމައެކަނި ޕެޓްރޯލް ޝެޑްގައި ރޯވި ބޮޑު އަލިފާނުގެ ހާދިސާއާ އެކު، އިތުރު ގޭގެއަށް ވެސް އަލިފާންގަނޑު ފެތުރުމުގެ ބިރު ބޮޑު ކަމަށް ފުނަދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އެމްއެންޑީއެފް އިން ބުނީ އެ ރަށު ޕެޓްރޯލް ޝެޑުގަ އަލިފާން ރޯވެގެން އުޅޭކަމުގެ މައުލޫމާތު ވަނީ ލިބިފައިވާ ކަމަށާއި، އަދި ކުޅުދުއްފުށި ފަޔާ ސްޓޭޝަން ގެ ސިފައިން މިހާރު އެ ރަށަށް ދިއުމަށް ދަތުރު ފަށާފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ފުނަދޫ އެއާޕޯޓުގެ ފަޔާ ފައިޓަރުން އަންނަނީ އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންނެވެ.

ފުނަދޫ ކައުންސިލުން ބުނީ ޕެޓްރޯލް ޝެޑްގައި ރޯވުމާއި ގުޅިގެން ޖެހިގެން ހުރި ދެ ގުދަނެއްގައި ވެސް ރޯވެފައިވާ ކަމަށެވެ. އަދި އަލިފާން ރޯވި ވަގުތު އެ ސަރަހައްދުގައި ބަޔަކު ތިބި ނަމަވެސް، އެއްވެސް މީހަކަށް ގެއްލުމެއް ލިބުނުކަން އަދި ކަށަވަރުވެފައި ނުވާ ކަމަށް ކައުންސިލުން ބުނެ އެވެ.

މީގެ އިތުރުން ވައި ދައުރުވާ ގޮތުން ދުމާއި ހުޅުގަނޑު ހުރީ ރަށު ތެރެއަށްވާ ގޮތަށް ކަމަށާއި، ރޯވެފައިވާ މިންވަރު ބޮޑުކަމުން އަލިފާން ނިއްވުމަށް އެސަރަޙައްދާ ގާތްވުމަށް ވެސް ދަތިތަކާ ކުރިމަތިވާ ކަމަށް ކައުންސިލުން ބުނެ އެވެ.

މީގެ އިތުރުން އަލިފާން ގަނޑުތެރެއިން ބައެއް ތަކެތި ގޮވަމުންދާ ކަމަށާއި، މިހާތަނަށް ކުރި މަސައްކަތުން އަލިފާން ކޮންޓްރޯލް ކުރެވޭ ގޮތް ނުވާ ކަމަށް ވެސް ކައުންސިލުން ބުނެ އެވެ.

އެ ރަށުން ވާހަކަދެއްކި މީހަކު ބުނީ ހެނދުނު 9:45 ހާއިރު ފުނަދުއަށް ޖައްސަން އޮތް މޯލްޑިވިއަންގެ ބޯޓު ވެސް، ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފައިވާ ކަމަށެވެ. އަދި އަލިފާން ނިއްވަން އެއާޕޯޓުގެ ފަޔަ ލޮރީތައް ބޭނުންކުރާތީ ފުނަދުއިން ބޯޓު ފުރޭނެ އިރެއް ނޭނގޭ ކަމަށް އޭނާ ބުންޏެވެ.