ށ. ފުނަދޫ ބަނދަރު ސަރަހައްދުގައި ހުރި ތެޔޮ ޝެޑެއްގައި މިއަދު ހެނދުނު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ ސަރަހައްދުގައި ހުރި 4 ގެޔަކަށާއި 5 ވޯކްޝޮޕް/ގަރާޖަކަށް އަލިފާނުގެ އަސަރުކޮށްފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

އެންޑީއެމްއޭއިން އާއްމުކުރި އެންމެ ފަހުގެ މައުލޫމާތުގައިވާ ގޮތުން، އަލިފާންގަނޑު އަދިވެސް އެއްކޮށް ކޮންޓްރޯލް ކުރެވިފައި ނުވި ނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ސަރަހައްދުގައި ހުރި ގެތަކުން މިހާރު ވަނީ މީހުން ހުސްކުރެވިފަ އެވެ. އަދި މި ހާދިސާގައި މިހާތަނަށް އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ލިބިފައި ނުވާ ކަމަށްވެސް އެ އޮތޯރިޓީން ވަނީ ބުނެފަ އެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ސާފުނުވި ނަމަވެސް، އަލިފާން ފެތުރިގެން ދިޔައީ ބަނދަރު ސަރަހައްދުގައި ހުރި ތެޔޮ ރައްކާކުރާ ޝެޑެއްގައި ރޯވުމާ ގުޅިގެންނެވެ. އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސާވިސްއާއި، ފުނަދޫ އެއާޕޯޓުގެ ފަޔާ ޓީމުގެ އިތުރުން ރަށުގެ އާންމު ރައްޔިތުން ގުޅިގެން މިހާރުވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

މީގެއިތުރުން، އަލިފާން ނިއްވުމުގެ މަސައްކަތަށް އެހީތެރިވުމަށްޓަކައި ހދ. ކުޅުދުއްފުށީގައި ތިބޭ އެމްއެންޑީއެފްގެ ފަޔާ ޓީމު މިހާރު ވަނީ ފުނަދުއަށް ދިއުމަށް ދަތުރު ފަށާފަ އެވެ.