މިއަދު މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން ރާއްޖޭގެ އުތުރުގެ ސަރަހައްދުތަކަށް ހުދު އެލާޓް ނެރެފި އެވެ.

މެޓް އޮފީހުން މި އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާ ހަމައަށް، މިއަދު ހެނދުނު 7:00 އިން މެންދުރުފަހު 1:00 ގެ ނިޔަލަށެވެ. އެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، މި ވަގުތުތަކުގެ ތެރޭގައި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.

ކުރިއަށް އޮތް ދުވަސްތަކުގެ މޫސުމާ ގުޅޭގޮތުން މެޓް އޮފީހުން ބުނީ، މި ހަފުތާގެ އާދިއްތަ ދުވަހު މޫސުން ތަންކޮޅެއް ރަނގަޅުވި ނަމަވެސް، އަންގާރަ ދުވަހުން ފެށިގެން އަނެއްކާވެސް މޫސުން ގޯސްވާން ފަށާނެ ކަމަށެވެ. ނަމަވެސް، އަންގާރަ ދުވަހު ފެށޭ ވިއްސާރައިގައި ބޯކޮށް ވާރޭވެހުމުގެ ފުރުސަތު ކުޑަ ނަމަވެސް، ވައިގަދަވުމުގެ ފުރުސަތު ބޮޑު ކަމަށް އެ އިދާރާއިން ފާހަގަކުރެ އެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ އެވެ. އެހެންކަމުން ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުންނާއި އާންމު ރައްޔިތުން މޫސުމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރެ އެވެ.