އޮންލައިންކޮށް ހިންގި 32،000 ރުފިޔާގެ ސްކޭމްގެ މައްސަލައަކާ ގުޅިގެން ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ. މި މައްސަލައަކީ ވަޓްސްއެޕް މެދުވެރިކޮށް ވާހަކަދައްކައި، މަކަރާއި ހީލަތުން ފައިސާ އަތުލާފައިވާ ކަމަށް، 2026 އޮކްޓޫބަރު 13 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައެކެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހ. ވެލަސްފަރުގެ / މާލެ، ހުސައިން ސާމިރު (40އ) އާއި، ދަފްތަރު. ނަންބަރު ރސ 6007 / މާލެ، މުހައްމަދު ރީޙާން (33އ) އާއި، ޖޯޖެޑްވިލާ / މާލެ، އަހްމަދު ސުޖާއު (46އ) ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ހުސައިން ސާމިރު (40އ) އާއި އަހްމަދު ސުޖާއު (46އ) 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ. އަދި މުހައްމަދު ރީހާން (33އ) ހަތްދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި، އޮންލައިންކޮށް ފޮނުވާ ގޮތް ނޭނގޭ ލިންކުތަކަށް ނުވަނުމަށާއި، އޯޓީޕީ ކޯޑު ހިއްސާނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ. މީގެ އިތުރުން، އޮންލައިންކޮށް ވިޔަފާރިކުރުމާއި ފައިސާގެ މުއާމަލާތްތައް ހިންގުމުގައި، މުއާމަލާތުކުރެވޭ ފަރާތުގެ ސައްހަކަން ކަށަވަރުކުރުމަށާއި، ޒާތީ މައުލޫމާތާއި ބޭންކިންގ ތަފުސީލުތައް އެހެން ފަރާތްތަކާ ހިއްސާނުކުރުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

މަކަރާއި ހީލަތުގެ އަމަލެއް ފާހަގަކުރެވިއްޖެނަމަ ލަސްނުކޮށް ދިވެހި ފުލުހުންގެ ހިދުމަތުގެ ހޮޓްލައިން ނަމްބަރު 3322111 އަށް ގުޅުމަށް ނުވަތަ ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރަށް ރިޕޯޓުކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.