ލ. ލިންކްރޯޑްގައި ލައިސަންސް ނެތި ބާރު ސްޕީޑުގައި ސައިކަލު ދުއްވާފައި ގޮސް ކަފިހިހުރަހުން މަގު ހުރަސްކުރި ދެ މީހެއްގެ ގައިގައި ޖެހި، އެކަކު މަރުވި މައްސަލާގައި 60 ދުވަހު ރޯދަ ހިފުމަށާއި މަރުގެ ދިޔައިގެ ގޮތުގައި 1,000,000 ރުފިޔާ ދެއްކުމަށް ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

ފޮނަދޫ ކޯޓުން މި ހުކުމް އިއްވާފައި ވަނީ ލ. ފޮނަދޫ، ހޯރަވިލާ، މުހައްމަދު ނައުސާންގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ މީހަކު މަރުވެދިއުމުގެ ފަރުވާކުޑަ އަމަލެއް ކުރުމުގެ ކުށުގެ ދައުވާއާއި، މީހަކަށް އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ އެވެ.

މި ހާދިސާ ހިނގާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 15 ވަނަ ދުވަހުގެ ރޭ 19:18 ހާއިރު އެވެ. އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތި، ނައުސާން އިތުރު މީހަކު ސައިކަލުގެ ފަހަތަށް އަރުވައިގެން ލާމު ލިންކް ރޯޑުން ދެކުނުން އުތުރަށް ބާރު ދުވެލީގައި ދުއްވާފައި ދަނިކޮށް، ކައްދޫ އިސްކަންދަރު އެއާބޭސްގެ ޓާމިނަލް މަގާއި ލިންކް ރޯޑު ގުޅޭ ހަތަރުއަނގޮޅީގެ ކަފިހިހުރަހުން މަގު ހުރަސްކުރަމުން ދިޔަ ދެ މީހެއްގެ ގައިގައި ސައިކަލުން ވަނީ ޖެހިފަ އެވެ.

މި އެކްސިޑެންޓުގައި ސައިކަލުން ޖެހުނު ލ. މާވަށް، އެތުމާ، މަރްޔަމް މޫސާ އަށް ލިބުނު ބޮޑެތި އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް އެ ރޭ 22:12 ހާއިރު ވަނީ ނިޔާވެފަ އެވެ. އަދި މަގު ހުރަސްކުރި އއ. ހިމަންދޫ، ގަލްފް، އަބްދުއްސަލާމް ހުސައިންގެ ގައިގައި ސައިކަލުން ޖެހި އޭނާއަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފަ އެވެ.

މީހަކު މަރުވެދިޔުމުގެ ފަރުވާކުޑަ އަމަލެއް ކުރުމުގެ ކުށުގެ ދައުވާއަށް އޭނާ ވަނީ އިއުތިރާފުވެފަ އެވެ. އެ ކުށުގެ އަދަބަކަށް އޭނާއަށް އިއްވީ ތިން އަހަރުގެ ޖަލު ހުކުމެކެވެ. ނަމަވެސް، ތަހުގީގަށާއި ޝަރީއަތަށް އޭނާ ބަންދުގައި ހޭދަކުރި 1 އަހަރާއި 2 މަހާއި 10 ދުވަސް އުނިކުރުމަށްފަހު، މި ދައުވާއިން އޭނާ ތަންފީޒުކުރަން ޖެހެނީ 1 އަހަރާއި 9 މަހާއި 20 ދުވަހުގެ ޖަލު އަދަބެއް ކަމަށް ހުކުމްގައިވެ އެވެ.

މީގެ އިތުރުން، މީހަކު މަރުވުމުގެ ކައްފާރާއެއްގެ ގޮތުން ޖެހިޖެހިގެން 60 ދުވަހު ރޯދަ ހިފުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. މަރުހޫމާގެ ވާރިސުން މަރުގެ ދިޔަ ބޭނުންވާ ކަމަށް ބުނެފައިވާތީ، މުޚައްފަފު މަރުގެ ދިޔައިގެ ގޮތުގައި 1,000,000 ރުފިޔާ، ހުކުމް ކުރި ދުވަހުން ފެށިގެން 36 މަސް ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދެއްކުމަށް ނައުސާންގެ މައްޗަށް ވަނީ ހުކުމްކޮށްފަ އެވެ.

އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާއަށް ވެސް ނައުސާން ވަނީ އިއުތިރާފުވެފަ އެވެ. މި މައްސަލައިގައި ވެސް ދައުލަތާއެކު ވެފައިވާ އިއުތިރާފުގެ އެއްބަސްވުމަށް ރިއާޔަތްކޮށް، ފޮނަދޫ ކޯޓުން ވަނީ އޭނާގެ މައްޗަށް 9 މަހާއި 18 ދުވަހުގެ ޖަލު އަދަބެއް ކަނޑައަޅައިފަ އެވެ.