ހަކުރު ގިނަ ކާނާ އާންމުކޮށް ބޭނުންކުރުމަކީ އަންހެނުންނަށް އުރަމަތީގެ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުތަނުން އިތުރުކޮށްދޭ ކަމެއްކަން ސައިންސްވެރިން ހެދި އާ ދިރާސާއަކުން ދައްކައިފި އެވެ. މި ދިރާސާގެ ނަތީޖާ ޝާއިއުކޮށްފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 31 ވަނަ ދުވަހު ނެރުނު "ޔޫރަޕިއަން ޖާނަލް އޮފް ނިއުޓްރިޝަން" ގައެވެ.

ދެކުނު ކޮރެއާގެ ސިއްހީ މާހިރުން އިސްނަންގަވައިގެން، އުމުރުން 40 އަހަރާއި 69 އަހަރާ ދެމެދުގެ 71،000 އަށްވުރެ ގިނަ އަންހެނުން ބައިވެރިކޮށްގެން ނުވަ އަހަރުގެ މުއްދަތަކަށް ކުރިއަށްގެންދިޔަ މި ދިރާސާއިން ދެއްކި ގޮތުގައި، ހަފުތާއަކު ދެ ފަހަރަށްވުރެ ގިނައިން ހަކުރު ގިނަ ކާނާ ބޭނުންކުރާ އަންހެނުންނަށް އުރަމަތީގެ ކެންސަރު ޖެހުމުގެ ނުރައްކާ 28 އިންސައްތަ އިތުރުވެ އެވެ. މީގެ ތެރެއިންވެސް، ހަކުރު ގިނަ ސީރިއަލް އާއި އައިސްކްރީމް ބޭނުންކުރާ މީހުންނަށް މި ބަލި ޖެހުމުގެ ފުރުސަތު ވަކިން ބޮޑަށް މަތިވާކަން ވަނީ ފާހަގަކުރެވިފަ އެވެ.

މިގޮތުން ހަކުރު ގިނަ ސީރިއަލް ކާމީހުންނަށް 34 އިންސައްތަ އަދި ގަވާއިދުން އައިސްކްރީމް ބޭނުންކުރާ މީހުންނަށް 26 އިންސައްތަ ނުރައްކާ ބޮޑުވެ އެވެ. ހާއްސަކޮށް އުމުރުން 50 އަހަރުން ދަށުގެ އަންހެނުންގެ މެދުގައި މި ގުޅުން ވަރަށް ބޮޑަށް ފާހަގަކުރެވެ އެވެ.

ނަމަވެސް، މޭވާ ކެއުމާއި ކެންސަރާ ދެމެދު އެއްވެސް ނޭދެވޭ ގުޅުމެއް ނެތްކަން މި ދިރާސާއިން ވަނީ ސާބިތުވެފަ އެވެ. ސައިންސްވެރިން ވިދާޅުވާ ގޮތުގައި، މޭވާގައި ހަކުރު އެކުލެވުނު ނަމަވެސް، އޭގައި ހިމެނޭ ފައިބަރާއި ފެނުގެ ސަބަބުން ލެޔަށް ހަކުރު ދަމައިގަންނަ މިންވަރު ލަސްކޮށްދެ އެވެ.

ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި، ހަކުރު ގިނަ ކާނާ ބޭނުންކުރުމުން ލޭގެ ހަކުރު ކުއްލިއަކަށް މަތިވެ، އިންސިއުލިން ރެސިސްޓެންސް އުފެދި، އުރަމަތީގެ ކެންސަރަށް މަގުފަހިވާ ހޯމޯންތައް އިތުރުވެގެންދެ އެވެ. އެހެންކަމުން، ސިއްހަތަށް ފައިދާހުރި މޭވާއާއި ތަރުކާރީ އަދި ގޮވާމުގެ ބާވަތްތައް ކެއުމުގައި ހިމެނުމަށާއި، އާޓިފިޝަލް ހަކުރު އެކުލެވޭ ކާނާއިން ދުރުހެލިވުމަށް ސައިންސްވެރިން ވަނީ އިލްތިމާސްކުރައްވާފަ އެވެ.