ރާއްޖެއިން ހައްޖަށް ދިޔުމަށް މިހާރު ނަންނޯޓް ކުރާ މީހުންނަށް އެންމެ އަވަހަށް ވެސް ހައްޖަށް ދެވޭނީ 17 އަހަރު ފަހުން ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފި އެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ހައްޖު ކޯޕަރޭޝަންގެ މާކެޓިން އެންޑް ޕީއާރު ހެޑް އަބްދުﷲ މުއާޒު ވިދާޅުވީ، ހައްޖަށްދާ ޖާގަ ކަށަވަރުވާނީ، ފައިސާ ދައްކާ ތަރުތީބުން ކަމަށާއި މިހާރު ފައިސާ ދައްކާ މީހުންނަށް ހައްޖަށްދެވޭނީ 2043 ވަނަ އަހަރު ކަމަށެވެ.

އުމުރުން 65 އަހަރު ހަމަވާ ފަހުން ވެސް، ރިޓަޔަމަންޓު ސޭވިންގްސް އެކައުންޓުގައިވާ ފައިސާ ފަރުޟު ހައްޖުވުމަށް ބޭނުންކުރެވޭނެ ގޮތަށް ޕެންޝަނާބެހޭ ގާނޫނަށް ވަނީ އިސްލާހެއް ގެނެސްފަ އެވެ.

ޕެންޝަން އޮފީހުން ބުނީ ޕެންޝަން ފައިސާ އިން ހައްޖަށް ދިއުމަށް ޖާގަ ރިޒާވްކުރުމަށް ޝަރުތު ހަމަވާނީ މީގެ ކުރިން ފަރުޟު ހައްޖު އަދާކޮށްފައިނުވާ އަދި ރިޓަޔަމަންޓް ސޭވިންގްސް އެކައުންޓްގައި މަދުވެގެން 336،000 ރުފިޔާ ހުންނަ މީހުންނަށް ކަމަށެވެ.

މި އުސޫލުގެ ދަށުން ހައްޖަށް ދާން އެދޭ މީހުން ދަތުރުގެ އަގުގެ 20 އިންސައްތަ ދެއްކުމަށްފަހު ބާކީބައި ހަމަޖެއްސުމަށް ޕެންޝަން އޮފީހަށް ހުށަހެޅުމުން، ކަނޑައެޅިފައިވާ ތަރުތީބުން ޖާގަ ރިޒާވްކޮށްދޭނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުންޏެވެ.