ޓެކްސް ގާނޫނުތައް ތަންފީޒުކުރުމާއި ޓެކްސް ދައްކާ ފަރާތްތަކުން ޒިންމާ އަދާކުރާކަން ކަށަވަރުކުރުމުގައި ވިޔަފާރީގެ ބާވަތަށް ނުވަތަ ކުޑަބޮޑުމިނަށް ބެލުމެއް ނެތި ހުރިހާ ފަރާތްތަކުގެ މެދުގައި ގާނޫނު ހަމަހަމަކޮށް ތަންފީޒުކުރަމުންދާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.
މީރާއިން މިހެން ބުނީ ރިސޯޓްތަކުން ވެސް ޓެކްސް ދައްކާގޮތް ބެލުމަށް މީރާ އިން މަސައްކަތްތަކެއް ކުރަންޖެހޭކަމަށް އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރު އިއްޔެ ވިދާޅުވެފައި ވަނިކޮށެވެ.
އެކަމާ ގުޅިގެން މީރާއިން ނެރުނު ބަޔާނެއްގައި ވަނީ ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ ދަށުން އެ އޮތޯރިޓީއާ މަތިކޮށްފައިވާ މައިގަނޑު ޒިންމާއަކީ ޓެކްސް ގާނޫނުތައް ތަންފީޒުކުރުމާއި، ޓެކްސްއާބެހޭ ސިޔާސަތުތައް ހިންގުމާއި، ގާނޫނީ ގޮތުން ދައުލަތަށް ނަގާ އެންމެހައި ޓެކްސް ނެގުމުގެ މަސައްކަތް ހިންގައި ބެލެހެއްޓުން ކަމަށެވެ. އަދި ޓެކްސް ދައްކާ ފަރާތްތަކުން ޓެކްސް ހިސާބުކުރަނީ ގާނޫނާ އެއްގޮތަށްތޯ ބެލުމަކީ އެ އޮތޯރިޓީގެ ގާނޫނީ ވާޖިބެއް ކަމަށްވެސް އެ ބަޔާނުގައިވެ އެވެ.
އެ އޮތޯރިޓީގެ މަސައްކަތްތައް ރޭވިފައިވަނީ ކަނޑައެޅިފައިވާ ސްޓްރެޓެޖިކް ޕްލޭނަކާއި އާންމުކުރެވިފައިވާ ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭނަކާ އެއްގޮތަށް ކަމަށް މީރާއިން ބުންޏެވެ. މީގެ އިތުރުން އޮޑިޓްކުރަން ކަނޑައަޅާ ފަރާތްތައް ހޮވަނީ "ރިސްކް ބޭސްޑް" އުސޫލުގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ ކޮމްޕްލަޔަންސް ރިސްކް މެނޭޖްމަންޓް އޮނިގަނޑެއްގެ ތެރެއިން ކަމަށް ވެސް މީރާ އިން ބުންޏެވެ.
މި އުސޫލުގެ ތެރެއިން ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކުގެ އިތުރުން އެހެނިހެން ދާއިރާތަކުގެ ވިޔަފާރިތައްވެސް އޮޑިޓްކުރަމުންދާ ކަމަށް މީރާއިން ފާހަގަކުރެ އެވެ. މީރާއަށް ލިބޭ އާމްދަނީގެ ބޮޑު އިންސައްތައެއް ލިބެމުންދަނީ ޓޫރިޒަމް ދާއިރާއިން ކަމަށްވާއިރު، އެ ދާއިރާގެ ވިޔަފާރިތަކަށް ހާއްސަ އިސްކަމެއް ދެވޭކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ޓެކްސް ނިޒާމުގެ ތެރެއިން ކުދި ވިޔަފާރިތަކަށް ހިސާބު ބެލެހެއްޓުމާއި، އޮޑިޓްކުރުމާއި، ޓެކްސް ބަޔާން ހުށަހެޅުމުގައި ލުއި އިންތިޒާމުތަކެއް ހަމަޖައްސައިދީފައިވާ ކަމަށް މީރާއިން ބުންޏެވެ. މީރާގެ މަސައްކަތްތައް ބައްޓަންކޮށްފައިވަނީ ވިޔަފާރިތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީގެން ޓެކްސްއަށް އަމަލުކުރުމުގެ މިންވަރު އިތުރުކުރުމުގެ މައްޗަށް ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.
ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިން ނަމަވެސް، ގަސްދުގައި ޓެކްސް ނުދައްކާ ފަރާތްތަކާމެދު ކަނޑައެޅިފައިވާ އުސޫލުތަކުގެ ދަށުން ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް މީރާއިން ބުނެ އެވެ.
ބީއެމްއެލް އަހަރީ ދުވަހާ ގުޅުވައިގެން "ކާނިވާ 44" ބާއްވަނީ
އެމެރިކާއެކު އެއްވެސް މަޝްވަރާއެއް ނުކުރަން: އީރާން
