އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ރަސްމާލޭގައި ހިންގަން ތައްޔާރުވަމުންދާ ބިޔަ މަޝްރޫއު މިހާރު އޮތް ގޮތަށް ކުރިއަށް ނުގެންދިއުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި އެވެ.

އަދާލަތު ޕާޓީން ނެރުނު ގަރާރެއްގައި ބުނެފައިވަނީ، ބޭރުގެ ފަރާތްތަކަށް ދިގު މުއްދަތަކަށް ދިރިއުޅެވޭ ގޮތަށް ވަކި ސަރަހައްދުތަކެއް ރާއްޖޭގައި އުފެދިގެންދާ ފަދަ މަޝްރޫއުތައް ކުރިއަށްގެންދިއުމަކީ، ރާއްޖޭގެ ދީނީ އެއްބައިވަންތަކަމަށާއި އާންމު މަސްލަހަތުގެ އިތުރުން ދިވެހިންގެ ސަގާފަތާއި ގައުމީ ސަލާމަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށެވެ.

އެ ޕާޓީން ދެކޭ ގޮތުގައި، ބައިނަލްއަގުވާމީ ރިއަލް އެސްޓޭޓް މަޝްރޫއުތައް އަމާޒުކުރަންވާނީ ބޭރު މީހުން ދާއިމީ ސިފައެއްގައި ވަޒަންވެރިވާ ގޮތަށް ނޫން ކަމަށާއި، އޭގެ ބަދަލުގައި އެފަދަ މަޝްރޫއުތައް ބިނާކުރަންވާނީ ޗުއްޓީ ހޭދަކުރުމަށް ބޭނުންކުރާ "ހޮލިޑޭ ހޯމްސް" ފަދަ ތަންތަން ތަރައްގީކުރުމަށެވެ. އަދި މިފަދަ ހުރިހާ މަޝްރޫއެއްވެސް އިސްލާމީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންގޮސްގެން މެނުވީ، ސިންދަފާތު ކުރެވިފައިވާ ވިލުންތެރި އިގުތިސާދެއް ބިނާނުކުރެވޭނެ ކަމަށް ވެސް އެ ޕާޓީގެ ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.

ރަސްމާލޭގައި ތަރައްގީކުރާ "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" މަޝްރޫއާ ގުޅިގެން ދީނީ އިލްމުވެރިންގެ މެދުގައި ވެސް ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފަ އެވެ. މިގޮތުން، ރާއްޖޭގެ އިލްމުވެރިންގެ ޖަމިއްޔާއިން މިދިޔަ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހު އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާ ބައްދަލުކުރައްވައި އެ ކަންބޮޑުވުންތައް ވަނީ ހިއްސާކުރައްވާފަ އެވެ. އެ ބައްދަލުވުމާ ގުޅޭގޮތުން އެ ޖަމިއްޔާއިން ހާމަކުރި ގޮތުގައި، މި މަޝްރޫއުގެ ސަބަބުން ބޭރު މީހުން ރާއްޖޭގައި ރަށްވެހިވެ، ގައުމުގެ އިސްލާމީ ވަހުދަތާއި، ސިޔާދަތާއި، އިގުތިސާދީ މިނިވަންކަމަށް ނުރައްކާތެރި އަސަރުތަކެއް ކޮށްފާނެ ކަމުގެ ބިރު އެބައޮތެވެ.

މީގެ އިތުރުން، އީގަލް ހިލްސްއިން ހިންގާ މި މަޝްރޫއުގެ ތެރެއިން އިޒްރޭލުގެ މީހުންނަށް ރާއްޖެއިން ޕްރޮޕަޓީ ގަތުމުގެ ފުރުސަތު ފަހިވެދާނެ ކަމަށް ބުނެ، ރާއްޖޭގެ ބައެއް ސިޔާސީ ފަރާތްތަކުންނާއި އާންމު އެކްޓިވިސްޓުން ވެސް ގެންދަނީ އަޑުއުފުލަމުންނެވެ. އެހެންނަމަވެސް، ދިވެހި ސަރުކާރުންނާއި އީގަލް ހިލްސް ކުންފުނިން ވެސް މީގެ ކުރިން ބުނެފައިވަނީ އެފަދަ އެއްވެސް ނުރައްކަލެއް މި އެއްބަސްވުމުގެ ދަށުން ކުރިމަތިނުވާނެ ކަމަށެވެ.

މި މަޝްރޫއަށް މަގުފަހިކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހަށް މިހާރު ވަނީ ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލެއް ހުށަހަޅާފަ އެވެ. މި ބިލުގައިވާ ގޮތުން، ތަރައްގީކުރާ ޕްރޮޕަޓީތަކުގެ ލީސްހޯލްޑް ރައިޓްސް 99 އަހަރުގެ މުއްދަތަށް ވިއްކުމާއި، އެ ގަންނަ ފަރާތްތަކަށް އަލުން އެހެން ފަރާތަކަށް ވިއްކުމުގެ އިހުތިޔާރު ލިބިގެންވެ އެވެ.