ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާ އެއްވެސް ފަސްގަނޑެއް އިޒްރޭލަށް ތާއީދުކުރާ މަކަރުވެރި އެޖެންޓުންނަށް ދީގެން ނުވާނެ ކަމަށް ވިދާޅުވެ، ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދިނުމާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފް (ހުސެންބެ) ވާހަކަދައްކަވައިފި އެވެ.

މެންބަރު ހުސައިން ޝަރީފް މިހެން ވިދާޅުވީ އެކްސް މެދުވެރިކޮށް ތަފާތު އެކި ދުވަސްމަތިން ހިއްސާކުރެއްވި ޕޯސްޓުތަކެއްގަ އެވެ. ދިވެހިންގެ އެއްބައިވަންތަކަން ދައްކުވައިދޭ ފޮޓޯތަކާއެކު އޭނާ ކުރެއްވި ޕޯސްޓުތަކުގައި، ސަރުކާރުން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫއުގެ ދަށުން އީގަލް ހިލްސްއަށް ބޮޑު ބިމެއް 99 އަހަރަށް ދިނުމާ މެދު ވަނީ ނުރުހުން ފާޅުކުރައްވާފަ އެވެ.

އޭނާ ވިދާޅުވޫ ހިތުގައި ވިންދު ހިނގާހާ ހިނދަކު އިސްލާމްދީނާއި ގައުމުގެ ހައްގުގައި ކޮންމެ ހާލެއްގައިވެސް ސާބިތުވެ ހުންނަވާނެ ކަމަށެވެ. އަދި ގާޒާގެ ހާލަތު ތަސައްވުރު ކޮށްލުމުންވެސް ހިތް ފަޅައިގެންދާ ފަދަ އިހްސާސެއް ކުރެވޭ ކަމަށާއި، އެއްވެސް ރަހުމެއް ނެތި ގާޒާގެ މައުސޫމް ތުއްތުކުދިން ގެދޮރުން ނެރެ ބޭރުކޮށްލި އަނިޔާވެރިންނަކީ ޝައިތާނީ ޔަހޫދީން ކަމަށް އޭނާ ވިދާޅުވި އެވެ.

ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައްޔާއި ދިވެހިންގެ ހިތްތަކުގައިވާ ލޯތްބަށްޓަކައިވެސް، ދިވެހި ފަސްގަނޑުން ވެލިފުކެއްގެ މިންވަރުވެސް އަނިޔާވެރި ޔަހޫދީން ބީހިލުމަށް ފުރުސަތު ދީގެން ނުވާނެ ކަމަށް މެންބަރު ހުސައިން ޝަރީފް ވިދާޅުވި އެވެ. އިންސާނިއްޔަތުކަމުގެ ކަންފުޅެއްވެސް ނެތް ޔަހޫދީންނާ ގާތްވުމަކީ ހެޔޮވާނެ ކަމެއް ނޫން ކަމަށާއި، ދީނާއި ގައުމުގެ ހައްގުގައި ހަމަހިމޭންކަން ހިޔާރުކުރުމަކީ ދުވަހަކުވެސް ކުރައްވާނެ ކަމެއް ނޫން ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.

ޣައިރު ދީންތަކުގެ އާދަކާދަތަކާއި ސަގާފަތް މަސްހުނިކޮށް، އިންސާނީ ކަރާމާތް ކިލަނބުކޮށްލާފަދަ ކަންކަމަށް ދިވެހި ފަސްގަނޑުން އެއްވެސް ޖާގައެއް ދީގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. "ދިވެހިންގެ ރާއްޖެ" ދިވެހިންނަށް ދެމިއޮތުމުގެ އެންމެ ބޮޑު އަސާސަކީ، އިސްލާމްދީނާއި އިންސާނީ ކަރާމާތާ ބީރައްޓެހި މުޑުދާރު ކަންކަމަށް ހުޅުވޭ ދޮރުތައް އެއްކޮށް ބަންދުކުރުން ކަމަށްވެސް މެންބަރު ފާހަގަކުރެއްވި އެވެ.