ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ސީޕްލޭން ޓާމިނަލް ކައިރިން، ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ ބޯޓެއް ނައްޓާލަން އުޅުމުގެ ތެރޭގައި މޫދަށް ވެއްޓި ހާދިސާއެއް ހިނގައިފި އެވެ.
މަންޒަރު ދުށް ފަރާތްތަކުން މައުލޫމާތު ދޭ ގޮތުގައި، މި ހާދިސާ ހިނގަން މެދުވެރިވީ ފުރުމަށްޓަކައި ޖެޓީން ނައްޓާލަން އުޅުމުގެ ތެރޭގައި، ބޯޓުގެ އެއް ފްލޯޓު (ބޯޓު ފެންމަތީގައި އޮންނަ ބައި) ބިނދިގެން ގޮސް ބޯޓު ކޮންޓްރޯލުން ނެއްޓި އަރިއަޅާލައިގެން މޫދަށް ވެއްޓިގެންނެވެ. އަދި މި ހާދިސާ ހިނގި ވަގުތު ބޯޓުގައި ފަސިންޖަރުން ތިބި ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ. އެ ސަރަހައްދުގައި ކަމާބެހޭ ފަރާތްތަކުން މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ.
މި ހާދިސާއާ ގުޅިގެން ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ވީއައިއޭގެ ވޯޓާ އެއިރޯޑްރޯމް ސަރަހައްދުގައި ޓީއެމްއޭ އިން ދުއްވާ ބޯޓެއް ޓެކްސީ ކުރުމުގެ ތެރޭގައި ހާދިސާއެއް ހިނގާފައިވާ ކަމަށެވެ.
މި ހާދިސާ ހިނގުމާއެކު އެމްއޭސީއެލްގެ އެއާޕޯޓް އެމަޖެންސީ ސާވިސަސް (އޭއީއެސް) އިން ވަގުތުން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައިވާ ކަމަށާއި، މި ހާދިސާއާ ގުޅިގެން ފޯރުކޮށްދޭންޖެހޭ އެންމެހައި އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ. އަދި ހާދިސާއާ ގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ އެންމެހާ ފިޔަވަޅުތައް މިހާރު ވަނީ އަޅާފަ އެވެ.
އެމްއޭސީއެލް އިން އިތުރަށް ބުނީ، މި ހާދިސާ ހިނގި ނަމަވެސް ވޯޓާ އެއިރޯޑްރޯމް އިން ދެމުން އަންނަ ހިދުމަތްތައް މެދުނުކެނޑި، އާންމު އުސޫލުން ކުރިއަށްދާ ކަމަށެވެ. އަދި މި ހާދިސާއާ ގުޅޭ އިތުރު ތަފުސީލު ފަހުން ހާމަކުރަމުން ގެންދާނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ކ އިން ތ އަތޮޅަށް ހުދު އެލާޓް
ނަޖީބްގެ ގޭބަންދާއެކު ލޯކް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވައިފި