ރައީސް މުހައްމަދު މުއިއްޒުގެ ހައުސިން މިނިސްޓަރު ކަމުގައި މާލެ އާއި ހުޅުމާލޭގައި އޮޓޮމެޓިކް ޕާކިން ސިސްޓަމްތައް ބެހެއްޓުމަށް ދައުލަތުގެ ބަޖެޓުން ކުރި 59.35 މިލިއަން ރުފިޔާގެ ހޭދައިން ރައްޔިތުންނަށް އެއްވެސް މަންފާއެއް ނުލިބި ލިބުނީ ހުސް ގެއްލުން ކަމަށް ހައުސިން މިނިސްޓްރީގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.

މި މަޝްރޫއަކީ މާލެ އާއި ހުޅުމާލޭގެ މަގުތަކުގެ ޕާކިން މައްސަލައަށް ލުޔެއް ހޯދުމުގެ ގޮތުން 20 އޮޓޮމެޓިކް ޕާކިން ސިސްޓަމް ގާއިމުކުރުމަށް ރައީސް މުއިއްޒު ހައުސިން މިނިސްޓަރު ކަމުގައި ހުންނެވިއިރު ކުރިއަށް ގެންދެވި މަޝްރޫއެކެވެ.

މި މަސައްކަތް އެންމެ ފުރަތަމަ 2016 ވަނަ އަހަރު ހަވާލުކުރީ 59.9 މިލިއަން ރުފިޔާގެ އަގަކަށް އެސްޓީއޯއާއެކުގަ އެވެ. ނަމަވެސް މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދާކަމަށް ބުނެ، އެސްޓީއޯއާއެކު ވި އެއްބަސްވުން 26 ޖޫން 2018 ގައި ބާތިލްކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައިވެ އެވެ.

އޮޑިޓް ރިޕޯޓްގައިވާގޮތުން އެއަށްފަހު ނުނިމިހުރި 14 ޕާކިން ސިސްޓަމް ބެހެއްޓުމަށް ބޭރުގެ ކުންފުންޏަކަށް 14.48 މިލިއަން ރުފިޔާގެ އަގަކަށް ހަވާލުކުރި އެވެ. މި މަސައްކަތުގެ އަގުގެ ގޮތުގައި އެ ކުންފުންޏަށް 6.2 މިލިއަން ރުފިޔާ ދޫކުރި ނަމަވެސް، މަސައްކަތް ނިންމާފައިވާކަން ކަށަވަރުކުރެވެން ނެތްކަމަށް އޮޑިޓް ރިޕޯޓްގައިވެ އެވެ.

އޭގެއިތުރުން ޕާކިން ސިސްޓަމްތައް ގާއިމުކުރުމަށް އެޑްވާންސްގެ ގޮތުގައި ދޫކުރި ފައިސާގެ ތެރެއިން 1.45 މިލިއަން ރުފިޔާ އަނބުރާ ލިބިފައިނުވާ ކަމަށް ވެސް އޮޑިޓް ރިޕޯޓްގައިވެ އެވެ.

މި މަޝްރޫޢަށް 59.9 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު އެއްވެސް މަންފާއެއް ލިބިފައި ނުވާތީ، މިއީ ދައުލަތުގެ ފައިސާއަށް އިހުމާލުވުން ކަމުގައި ބެލެވޭކަމަށް އޮޑިޓާ ޖެނެރަލް ވިދާޅުވި އެވެ. މައްސަލަ ތަޙުޤީޤުކޮށް އިހުމާލުވި ފަރާތްތަކާމެދު ފިޔަވަޅު އަޅަންޖެހޭކަން ރިޕޯޓުގައި ވަނީ ފާހަގަކުރައްވާފައެވެ.

އޮޑިޓާ ޖެނެރަލް ވަނީ މިފަދަ މައްސަލަތައް ބެލުމަށް މިނިސްޓަރު ކަނޑައަޅުއްވާފައިވާ އިންތިޒާމުގެ ތެރެއިން މައްސަލަ ބަލައި އެކަމުގައި ކުރިއަށްދިއުމަށް އެދިވަޑައިގެންފައެވެ.