ޔަމަނުގެ ހޫތީންނާއި ސައޫދީ އަރަބިއްޔާއާ ދެމެދު ބަދަލުކުރަމުންދާ ހަމަލާތައް ވަރުގަދަވެފައިވާ ދަނޑިވަޅެއްގައި، ސައުދީގެ ވައިގެ ދިފާއީ ނިޒާމުން ހަލާކުކޮށްލި ދެ ބަލިސްޓިކް މިސައިލެއްގެ ބައިތައް މައްކާ ސަރަހައްދަށް ވެއްޓިފައިވާ ކަމަށް އެގައުމުން ބުދަ ދުވަހު ބުނެފި އެވެ.
ސައުދީ ސިވިލް ޑިފެންސުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހޫތީން އެ ސަރަހައްދަށް އަމާޒުކޮށް ފޮނުވާލި މިސައިލްތައް ވައިގެ ތެރޭގައި ގޮއްވާލާފައިވާ ކަމަށާއި، އޭގެ ބައިތައް ސަބޫހާ އަވަށުގެ އިތުރުން އެކި ސަރަހައްދުތަކަށް ވެއްޓިފައިވާ ކަމަށެވެ.
އިސްލާމްދީނުގެ އެންމެ މުގައްދަސް ދެ ސިޓީ ކަމަށްވާ މައްކާއާއި މަދީނާއަށް އަމާޒުކޮށް ހަމަލާދޭ ކަމަށް ސައުދީން ކުރާ ތުހުމަތުތަކަށް ހޫތީން ތަކުރާރުކޮށް އިންކާރު ކުރެ އެވެ. އެ ޖަމާއަތުން ބުނަނީ އެމީހުންގެ ހަމަލާތައް އަމާޒުކުރަނީ ސައުދީގެ އެހެން ސަރަހައްދުތަކުގައި ހުރި އަސްކަރީ އަދި އިސްތިރާޖީ މަރުކަޒުތަކަށް ކަމަށެވެ. އަދި އެންމެ ފަހުން ހިނގި މި ހާދިސާއާ ގުޅޭގޮތުން އެފަރާތުން އަދި އެއްޗެއް ބުނެފައެއް ނުވެ އެވެ.
"އާންމުން ދިރިއުޅޭ ތަންތަނަށް އަމާޒުކޮށް ދޭ މިފަދަ ހަމަލާތަކަކީ ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު، އަދި ހޫތީ ހަނގުރާމަވެރިން ގެންގުޅޭ ނުރައްކާތެރި އުސޫލުތައް ހާމަވާ ކަމެއް،" މިއަދު ސައުދީ ސިވިލް ޑިފެންސުން ބުނެފައިވެ އެވެ.
2014 ވަނަ އަހަރު ހޫތީން ޔަމަނުގެ ވެރިރަށް ސަންއާ ހިފުމާ ގުޅިގެން، ބައިނަލްއަގުވާމީ ގޮތުން ގަބޫލުކުރާ ޔަމަނު ސަރުކާރަށް އެހީތެރިވުމަށްޓަކައި ސައުދީ އިސްވެ އޮވެ ޖެހިގެން އައި އަހަރު އަސްކަރީ ފިޔަވަޅުތައް އަޅަން ފެށި އެވެ.
2022 ވަނަ އަހަރު އދ. މެދުވެރިވެގެން އެކުލަވާލި ސުލްހައިގެ އެއްބަސްވުމާއެކު ހަމަލާތައް ބޮޑުތަނުން މަޑުޖެހިފައި އޮތުމަށްފަހު، މިއަހަރުގެ ކުރީކޮޅު އަނެއްކާވެސް ހަމަލާތައް ވަނީ ފެށިފަ އެވެ. އެގޮތުން ހޫތީން ސައޫދީއަށް މިސައިލާއި ޑްރޯން ހަމަލާތައް ދެމުންދާއިރު، ސައޫދީން ދަނީ ޔަމަނަށް ވައިގެ ހަމަލާތައް ދެމުންނެވެ.
މި ހަމަލާތައް ވަރުގަދަވުމުގެ ސަބަބުން، ރަތް ކަނޑާއި އޭޑަން ކަނޑުއޮޅި ގުޅުވައިދޭ މުހިންމު ކަނޑުގެ މަގެއް ކަމަށްވާ ބާބުލް މަންދަބަށް ވަނީ ނުރައްކާ ކުރިމަތިވެފަ އެވެ.
ޕޯސްޓްޕާޓަމް ޑިޕްރެޝަން: އާ މައިން ސަމާލުވާންޖެހޭ ކަންކަން
އިޒްރޭލުގެ އެޖެންޓުންނަށް ރާއްޖޭގެ ބިން ދީގެން ނުވާނެ: ހުސެންބެ