ސަރުކާރުން އުވާލައި ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާ ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ސަޕްލަޔަރުންނަށް ދައްކަން ޖެހޭ ފައިސާ 2024 ވަނަ އަހަރުގެ ނިޔަލަށް 3.51 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަން އޮޑިޓު އޮފީހުން ނެރުނު މާލީ އޮޑިޓު ރިޕޯޓުން ހާމަވެއްޖެ އެވެ.

އޮޑިޓު އޮފީހުން އާންމުކުރި ފެނަކައިގެ 2024 ވަނަ އަހަރުގެ މާލީ އޮޑިޓު ރިޕޯޓުގައިވާ ގޮތުން، އެ ކުންފުނީގެ މާލީ ހިސާބުތަކުގެ ސައްހަކަން ކަށަވަރުކުރެވޭނެ އެކަށީގެންވާ ހެކި ލިބިފައެއް ނުވެ އެވެ. އެހެންކަމުން މާލީ ބަޔާންތަކުގެ ސައްހަކަމާމެދު އޮޑިޓާ ޖެނެރަލް ވަނީ ޝައްކު އުފައްދަވައި، ރިޕޯޓަށް ރައުޔެއް ދެއްވުމަށް އުޒުރުވެރިވެވަޑައިގެންފަ އެވެ.

އޮޑިޓު ރިޕޯޓުގެ ހިސާބުތަކަށް ބަލާއިރު، 31 ޑިސެމްބަރު 2024ގެ ނިޔަލަށް ފެނަކައިން މުދަލާއި ހިދުމަތް ހޯދުމަށްފަހު ސަޕްލަޔަރުންނަށް ނުދައްކާ ހުރި ފައިސާގެ އަދަދު ވަނީ 3.51 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. މިއީ 2023 ވަނަ އަހަރު ނިމުނުއިރު ސަޕްލަޔަރުންނަށް ދައްކަން އޮތް 2.99 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 17 ޕަސެންޓުގެ އިތުރުވުމެކެވެ.

އެކި ގޮތްގޮތުން އެ ކުންފުނިން ދައްކަން ޖެހޭ ޖުމްލަ ދަރަނި ވަނީ 3.59 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް އެ ރިޕޯޓްގައިވެ އެވެ. ނަމަވެސް ސަޕްލަޔަރުންނަށް ދައްކަން ޖެހޭ ކަމަށް މާލީ ބަޔާނުގައިވާ 3.51 ބިލިއަން ރުފިޔާގެ ތަފުސީލާއި ލިޔެކިޔުންތައް ފުރިހަމައަށް ލިބިފައި ނުވާތީ، އެ އަދަދުގެ ސައްހަކަން އޮޑިޓަށް ޔަގީންކުރެވިފައެއް ނުވެ އެވެ.

މާލީ ނަތީޖާއަށް ބަލާއިރު، ފެނަކައިން 2024 ވަނަ އަހަރު ނިންމާލީ 547 މިލިއަން ރުފިޔާގެ ގެއްލުމުގަ އެވެ. މިއީ 2023 ވަނަ އަހަރު އެ ކުންފުންޏަށް ލިބުނު 811 މިލިއަން ރުފިޔާގެ ގެއްލުމާ އަޅާބަލާއިރު ކުޑަވުމެއް ނަމަވެސް، ކުންފުނީގެ ދަރަންޏާއި ހަރަދުތައް އިންތިހާއަށް ބޮޑުވުމުގެ ސަބަބުން ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނި ހިންގިދާނެ ކަމާމެދު އޮޑިޓު އޮފީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ރައީސް މުހައްމަދު މުއިއްޒު ވަނީ ފެނަކަ އުވާލަން ނިންމައި އެ ކުންފުނީގެ ހުރިހާ މަސައްކަތްތަކެއް ސްޓެލްކޯ އާއި އެމްޑަބްލިޔުއެސްސީގެ ދަށަށް ބަދަލުކުރަން ނިންމާފަ އެވެ.