އިންޑޮނޭޝިއާގެ ނައިބު ރައީސްގެ ތައުލީމީ ފެންވަރާއި މަގާމުގެ ޝަރުތުތަކާ މެދު ސުވާލު އުފެދިފައިވަނިކޮށް، އެމަނިކުފާނު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އިންޑޮނޭޝިއާގެ ނައިބު ރައީސް މަގާމުން އިސްތިއުފާ ދެއްވީ، އެމަނިކުފާނުގެ ތައުލީމީ ސަނަދުތަކާ ގުޅޭގޮތުން ކޯޓުން ކުރި ހުކުމްތަކަކާ ގުޅިގެން މަގާމުގެ ޝަރުތު ހަމަވުމާ މެދު ބޮޑެތި ސުވާލުތަކެއް އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ.

ކުރީގެ ރައީސް ޖޯކޯ ވިޑޯޑޯގެ ދަރިކަލުން، އުމުރުން 39 އަހަރުގެ ގިބްރާން ރަކަބޫމިންގް ރަކާ، އިސްތިއުފާގެ ސިޓީ ހުށަހެޅުއްވީ ވެރިރަށް ޖަކާޓާގައި ހުންނަ ގާނޫނު ހަދާ މަޖިލީހުގެ އިދާރާގައި، އެ ގައުމުގެ އެންމެ މަތީ ގާނޫނު ހަދާ މަޖިލިސް ކަމަށްވާ ޕީޕަލްސް ކޮންސަލްޓޭޓިވް އެސެމްބްލީގެ ލީޑަރަށެވެ. އިސްތިއުފާ ދެއްވުމަށްފަހު ވަޑައިގަންނަވަމުން ރަކާ އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ.

މިކަމާ ގުޅިގެން ރަކާގެ ބައްޕަ، ކުރީގެ ރައީސް ވިޑޯޑޯ ވިދާޅުވީ ސިޔާސީ މަގާމުތަކުގައި މިފަދަ ބަދަލުތަކަކީ އާންމު ކަމެއް ކަމަށާއި، ސިޔާސީ މަގާމުތަކަކީ ވަގުތީ އެއްޗެއްކަން ދަރިކަލުންނަށް ހަނދާންކޮށްދެއްވާފައިވާނެ ކަމަށެވެ. އަދި ރައީސް ޕްރަބޯވޯ ސުބިއަންޓޯގެ ސަރުކާރަށާއި، ރައްޔިތުންގެ ލާބައަށް ހިންގާ މަޝްރޫއުތަކަށް ދެމުންދާ އެއްބާރުލުން ކުރިއަށްދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ނައިބު ރައީސްގެ ތައުލީމީ ސަނަދުތަކާ ގުޅޭ ތަހުގީގަކީ، ފުލުހުންގެ އިސް ބޭފުޅުންތަކެއް ރައީސަށް ފާރަލުމުގެ ތުހުމަތުގައި ހިންގާ ތަހުގީގާ ގުޅުމެއް ހުރި ކަމެއް ނޫން ކަމަށް މައުލޫމާތު ލިބެ އެވެ.

ރަކާ އިސްތިއުފާ ދެއްވަން ހުށަހެޅުއްވީ ސިޔާސީ ހަލަބޮލިކަން އިތުރުވިޔަ ނުދިނުމަށްޓަކައި ކަމަށް ވިދާޅުވެ، އަންގާރަ ދުވަހު ރައީސް ޕްރަބޯވޯއާ ބައްދަލުކުރެއްވުމަށްފަހު އެވެ. އަދި ބުދަ ދުވަހު ވަނީ ރަސްމީކޮށް އިސްތިއުފާގެ ސިޓީ ރައީސަށް އަރުވާފަ އެވެ.

ބުރާސްފަތި ދުވަހު ރައީސް ޕްރަބޯވޯ ގައުމާ މުހާތަބު ކުރައްވަމުން ވިދާޅުވީ، ރަކާގެ އިސްތިއުފާ ގަބޫލުކުރެއްވީ ހިތާމަޔާއެކު ކަމަށާއި، ނަމަވެސް އެއީ ގައުމީ މަސްލަހަތަށްޓަކައި ރަކާ ދެއްކެވި ހިތްވަރާއި ޒިންމާދާރުކަމުގެ ނަމޫނާއެއް ކަމަށެވެ. އަދި ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން ހޯދާފައިވާ ކާމިޔާބީތަކުގައި ރަކާގެ ދައުރު ބޮޑުކަން ފާހަގަކުރައްވައި، ރަކާއަށް ތައުރީފު ކުރެއްވި އެވެ.

އިންޑޮނޭޝިއާގެ ގާނޫނުއަސާސީ ބުނާގޮތުން، ނައިބު ރައީސްގެ މަގާމު ހުސްވުމަކުން އާ އިންތިހާބެއް ބާއްވާކަށް ނުޖެހެ އެވެ. އެ މަގާމަށް ބޭފުޅަކު އައްޔަން ކުރާނީ، ރައީސް ހުށަހަޅުއްވާ ދެ ކެންޑިޑޭޓުންގެ ތެރެއިން ބޭފުޅަކު 60 ދުވަހުގެ ތެރޭގައި ޕީޕަލްސް ކޮންސަލްޓޭޓިވް އެސެމްބްލީން އިންތިހާބު ކުރުމުންނެވެ.

ކެންޑިޑޭސީއާ މެދު އުފެދުނު ދެބަސްވުންތައް

ކޮންސްޓިޓިއުޝަނަލް ކޯޓާއި ސުޕްރީމް ކޯޓުން މިދިޔަ މަހު ނިންމާފައިވަނީ، ރަކާގެ ގައުމުން ބޭރުގެ ތައުލީމީ ސަނަދުތަކަކީ އިންތިހާބީ ޝަރުތުތަކަށް ފެތޭ އެއްޗެއް ނޫން ކަމަށެވެ. މީގެ އިތުރުން، 8 ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ 120 މެންބަރުން ސޮއިކޮށް، ރަކާ މަގާމުން ވަކިކުރުމުގެ މަރުހަލާ ފެށުމަށް އިދާރީ އިޖުރާއަތްތައް ހުށަހަޅާފައިވެ އެވެ.

ރަކާގެ ކެންޑިޑޭސީއާ މެދު ސުވާލު އުފެދުނީ، ނައިބު ރައީސްކަމަށް ކުރިމަތިލެވޭ އުމުރަކީ 40 އަހަރު ކަމަށް އޮތް އޮތުމަށް ބަދަލު ގެނެސް، ކޯޓުން ނިންމި ނިންމުމަކާ ގުޅިގެންނެވެ. އެ ނިންމުމުގެ ދަށުން، އުމުރުން 40 އަހަރު ނުވި ނަމަވެސް ސަރަހައްދީ ލީޑަރެއްގެ މަގާމު އަދާކޮށްފައިވާ ފަރާތްތަކަށް ކުރިމަތިލެވޭ ގޮތް ހެދި އެވެ. މިއީ އޭރުގެ ރައީސް ވިޑޯޑޯގެ ނުފޫޒުން ކުރި ކަމެއް ކަމަށް ފާޑުކިޔާ ފަރާތްތަކުން ތުހުމަތު ކުރެ އެވެ.

އިންޑޮނޭޝިއާގެ އިންތިހާބީ ޤާނޫނު ބުނާގޮތުން ކެންޑިޑޭޓުންނަކީ ސާނަވީ ތައުލީމު ފުރިހަމަކޮށްފައިވާ ބޭފުޅުންނަށް ވާންޖެހެ އެވެ. ރަކާގެ ތައުލީމީ ސަނަދުތަކަކީ ބޭރުގެ ސަނަދުތަކަކަށް ވާތީ، އެއީ އިންޑޮނޭޝިއާގެ ސާނަވީ ސަނަދާ އެއްވަރުގެ އެއްޗެއްކަން ސާބިތުކޮށްދޭން ޖެހެ އެވެ.

ރަކާއަކީ 1998 ވަނަ އަހަރު އިންޑޮނޭޝިއާއަށް ޑިމޮކްރަސީ އައި ފަހުން، ދައުރު ހަމަވުމުގެ ކުރިން އިސްތިއުފާ ދެއްވި ފުރަތަމަ ނައިބު ރައީސެވެ. ޤާނޫނު ހަދާ މަޖިލީހުގެ ރައީސް އަހްމަދު މުޒާނީ ވިދާޅުވީ، އާ ނައިބު ރައީސަކު ހޮވުމުގެ މަސައްކަތް ލަސްނުކޮށް ފައްޓަވާނެ ކަމަށެވެ.