މި ދުވަސްވަރު ރާއްޖޭގައި އިންފުލުއެންޒާއާއި އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވަމުންދާތީ، އެކަމަށް އާންމު ރައްޔިތުން ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.

އެޗްޕީއޭއިން ސޯޝަލް މީޑިއާގައި ހިއްސާކުރި މައުލޫމާތުގައި ބުނެފައިވަނީ، މި ދުވަސްވަރު އިންފުލުއެންޒާ އަދި އަރިދަފުސް ރޯގާގެ ކޭސްތައް ގިނަ އަދަދަކަށް ރިޕޯޓްކުރެވެމުންދާ ކަމަށެވެ. އެހެންކަމުން ބަލިން ރައްކާތެރިވުމުގެ ގޮތުން ހާއްސަ ސަމާލުކަމެއް ދިނުމަށާއި، ހާއްސަކޮށް ގިނަގިނައިން ސައިބޯނި ލައިގެން އަތްދޮވުމުގެ އާދަ އަށަގެންނެވުމަށް އެ އެޖެންސީން ވަނީ އިލްތިމާސްކޮށްފަ އެވެ.

އިންފުލުއެންޒާ ޖެހުމުން ފެންނަ މައިގަނޑު އަލާމާތްތަކުގެ ތެރޭގައި ހުން އައުން ނުވަތަ ހުން ވައްތަރުވުން، ކެއްސުން، ކަރުގައި ރިއްސުން، ބޮލުގައި ރިހުން، ގައިގައި ރިހުން، ވަރުދެރަވެ ވަރުބަލިވުން، އަދި ނޭފަތުން ފެންއައުމާއި ނޭފަތް ބެދުން ހިމެނެ އެވެ. މީގެއިތުރުން، ހާއްސަކޮށް ކުޑަކުދިންނަށް ބޭރަށް ހިންގުމާއި ހޮޑުލުން ފަދަ އަލާމާތްތައް ފެނުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް އެޗްޕީއޭއިން ފާހަގަކުރެ އެވެ.

އެޗްޕީއޭއިން ބުނީ، ހުންއައިސް ރޯގާޖެހި ތިން ދުވަހަށްވުރެ އިތުރުވާނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފައާއި އިރުޝާދު ހޯދަންވާނެ ކަމަށެވެ.

މި ބަލިތަކުން ރައްކާތެރިވުމަށްޓަކައި ސައިބޯނި ލައިގެން ގިނަގިނައިން އަތްދޮވުމާއި، އަރިދަފުސް ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ މާސްކު އެޅުމަށް ވަނީ އިރުޝާދު ދީފަ އެވެ. އަދި ބަލީގެ ނުރައްކާ ބޮޑު މީހުން އާންމު ތަންތަނަށް ނުކުންނައިރު މާސްކު އެޅުމަށާއި، ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދުމަށް ވެސް އެޗްޕީއޭއިން ވަނީ އެދިފަ އެވެ.