ކުރިއަށް އޮތް އަހަރުގެ ހައްޖު މޫސުމުގައި ދިވެހި ހައްޖުވެރިންނަށް ފޯރުކޮށްދޭ އެންމެހައި ހިދުމަތްތަކުގެ ފެންވަރު މަތިކޮށް، އިންތިޒާމުތައް ހަރުދަނާކުރުމަށްޓަކައި ދިވެހިރާއްޖޭގެ އިސްލާމިކް މިނިސްޓްރީއާއި ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއާ ދެމެދު މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކޮށްފައިވަނީ ސައުދީ އަރަބިއްޔާގައި މިހާރު ކުރިއަށްދާ ހަވަނަ ހައްޖު ކޮންފަރެންސްގެ ހަވާސާގަ އެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އުސާމް މުހައްމަދު ސައީދެވެ. އަދި ސައުދީ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާގެ ޑެޕިއުޓީ މިނިސްޓަރު ޑރ. އަބްދުލް ފައްތާހް މަޝާތެވެ.

އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދެއްވި ގޮތުގައި، މި އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ ކުރިއަށް އޮތް ހައްޖު މޫސުމުގައި ދިވެހި ހައްޖުވެރިންގެ އެންމެހައި ކަންކަން އެންމެ އަމާން، އޮމާން އަދި ފުރިހަމަ އިންތިޒާމެއްގެ ދަށުން ކުރިއަށް ގެންދިއުމަށްޓަކައި ދެ ގައުމުގެ ދެމެދުގައި އަމަލުކުރާނެ މުހިންމު އުސޫލުތައް ކަނޑައެޅުމެވެ.

އެގޮތުން، ހައްޖުގެ އެކިއެކި ހިދުމަތްތަކަށް ފައިސާ ދެއްކުމުގައި ގެންގުޅޭނެ އުސޫލުތަކާއި، ދިވެހިރާއްޖެއިން ހައްޖުގެ ހިދުމަތް ފޯރުކޮށްދޭ ކުންފުނިތަކުން ހިފަހައްޓަންޖެހޭ މިންގަނޑުތައް މި އެއްބަސްވުމުގައި ވަނީ ތަފްސީލުކޮށްފަ އެވެ. މީގެއިތުރުން، މާތްވެގެންވާ ބިމުގައި ދިވެހި ހައްޖުވެރިންގެ ކަންކަން އެންމެ ގާތުން ބަލަހައްޓައި ވިލަރެސްކުރުމަށްޓަކައި އެކުލަވައިލެވޭ "ރާއްޖޭގެ ހައްޖު މިޝަން" ގެ މަސައްކަތްތަކާ ގުޅޭ ހާއްސަ އިންތިޒާމުތައްވެސް މި އެއްބަސްވުމުގައި ހިމަނާފައިވެ އެވެ.