ދިވެހިރާއްޖޭގެ އެންމެ ބޮޑު އިންސްޓިޓިއުޝަނަލް އިންވެސްޓަރު ކަމުގައިވާ މޯލްޑިވްސް ރިޓަޔާމަންޓް ޕެންޝަން ސްކީމްގެ ދަށުން ބަލަހައްޓަމުންދާ ފަންޑުގެ ޖުމްލަ އަގު، މި އަހަރުގެ ތެރޭގައި 30 ބިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރައިފި ކަމަށް ޕެންޝަން އޮފީހުން ހާމަކޮށްފި އެވެ.
މިކަން ހާމަކުރެއްވީ މިއަދު ފެށުނު 13 ވަނަ "މޯލްޑިވްސް ފައިނޭންސް ފޯރަމް" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، އެ އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ޔަޒްމީދު މުހައްމަދެވެ.
ޔަޒްމީދު ވިދާޅުވި ގޮތުގައި، ޕެންޝަން އޮފީހުގެ ޑޭޓާ ޕޯޓަލްގައި ޝާއިއުކޮށްފައިވާ، ނިމިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެއްކުރެވިފައިވާ ހިސާބުތައް ދައްކާ ގޮތުން ފަންޑުގެ ދަށުން މެނޭޖްކުރަމުންދާ ޖުމްލަ އެސެޓްގެ އަގު މިހާރު ވަނީ 30.3 ބިލިއަން ރުފިޔާއަށް އަރައިފަ އެވެ. އަދި މި ސްކީމުގައި މިހާރު 204,549 މެންބަރުން ބައިވެރިވެފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.
ފޯރަމްގައި ވާހަކަދައްކަވަމުން ޔަޒްމީދު ވިދާޅުވީ، ޕެންޝަން ފަންޑުގެ ދިގު މުއްދަތުގެ ކުރިއެރުމާއި މެންބަރުންގެ މުސްތަގުބަލުގެ ރައްކާތެރިކަން ކަށަވަރު ކުރެވޭނީ ރާއްޖޭގެ އިގްތިސާދީ ވިލުންވެރިކަން އިތުރަށް ވަރުގަދަކުރެވިގެން ކަމަށެވެ.
މީގެ އިތުރުން، އިންވެސްޓްމަންޓްތައް އެކި ދާއިރާތަކަށް ބަހާލައިގެން ޕޯޓްފޯލިއޯ ވަރުގަދަކުރުމަށާއި، ދުރުރާސްތާގެ ފައިދާއަށް އިސްކަންދިނުމަކީ ޕެންޝަން އޮފީހުގެ އެންމެ ބޮޑު އަމާޒު ކަމުގައި އޭނާ ވިދާޅުވި އެވެ. އަދި ތިމާވެއްޓާއި އިޖުތިމާއީ އަދި ހިންގުމުގެ ރަނގަޅު މިންގަނޑުތަކަށް ފެތޭ (އީއެސްޖީ) މަޝްރޫއުތަކަށާއި، މޫސުމީ ބަދަލުތަކާ ގުޅޭ "ކްލައިމެޓް ފައިނޭންސިން" ގެ ދާއިރާއިން އިންވެސްޓްމަންޓްގެ އައު ފުރުސަތުތައް ހޯދުމުގެ މަސައްކަތް ކުރަމުންދާކަންވެސް ހާމަކުރެއްވި އެވެ.
ރާއްޖޭގައި ދެމެހެއްޓެނިވި މާލީ ނިޒާމެއް ބިނާކުރުމަށް ކުރެވޭ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން، ގައުމީ ފެންވަރުގެ ފައިނޭންސިން ސްޓްރެޓެޖީތަކާއި، މޫސުމީ ގޮންޖެހުންތައް ވަޒަންކުރުމުގެ އުސޫލުތައް އެކުލަވާލުމާއި، ބައިނަލްއަގުވާމީ މޫސުމީ އެހީތައް ލިބޭނެ މަގުފަހި މާހައުލެއް ބިނާކުރުމަށް ގިނަ ކުރިއެރުންތަކެއް ލިބެމުން އަންނަކަން ޔަޒްމީދު ފާހަގަކުރެއްވި އެވެ.
މިއަހަރުގެ "މޯލްޑިވްސް ފައިނޭންސް ފޯރަމް" ގެ މައިގަނޑު މައުޟޫއަކީ "ގްރީން ފައިނޭންސް: ރާއްޖޭގައި ދެމެހެއްޓެނިވި އިންވެސްޓްމަންޓާއި މާލީ ރައްކާތެރިކަން" މިއެވެ. މި ފޯރަމްގެ މައިގަނޑު މަގުސަދަކީ ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖޭގައި ތިމާވެއްޓާ ރައްޓެހި މާލީ ނިޒާމެއް ކުރިއެރުވުމަށް ހުރި ހުރަސްތަކާއި އެކަމަށް ބޭނުންވާ އަމަލީ ހައްލުތަކާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކުގެ މެދުގައި މަޝްވަރާކުރުމެވެ.
ގޭތެރޭގެ ކަންކަމާ ޝަކުވާ ކުރުމުގެ ހުއްދައެއް ނޯވޭ: ޝާހްރުކް ޚާން
ގާނޫނާ ހިލާފު ވެއްޖެނަމަ އެއްވުން ހުއްޓުވާނަން: ފުލުހުން