ސަރުކާރު ހިންގާ ޕީއެންސީއާ އެކު ކޯލިޝަން ހަދައި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެވަނަ ދައުރަކަށް އިންތިހާބު ކުރުމަށް މަސައްކަތް ކުރުމަށް އަދާލަތު ޕާޓީން މިރޭ ނިންމައިފި އެވެ.

މި ނިންމުން ނިންމާފައި ވަނީ ދީނީ ކަންކަން ހަރުދަނާކުރުމަށާއި، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދިފާއުކުރުމުގެ އިތުރުން އިގުތިސާދު ރަނގަޅު ކުރުމަށް ސިޔާސީ ފަރާތްތަކުގެ އެއްބާރުލުން ބޭނުންވާ ކަމަށް ވިދާޅުވެ، ސަރުކާރާ އެކު މަސައްކަތް ކުރުމަށް ރައީސް މުއިއްޒު ދެއްވި ދައުވަތާ ގުޅިގެންނެވެ.

އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން މިރޭ ފާސްކުރި ގަރާރުގައިވާ މައިގަނޑު ނުކުތާތައް:

  • މި ދައުރުގެ ބާކީ އޮތް މުއްދަތުގައި އަދާލަތު ޕާޓީން ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި މަސައްކަތް ކުރުމަށް.
  • ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީއެންސީއާ އެކު ކޯލިޝަން މެންބަރެއްގެ ގޮތުގައި ބައިވެރިވެ، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުއިއްޒަށް ތާއީދުކޮށް މަސައްކަތް ކުރުމަށް.

އެ ޕާޓީން ވަނީ އިސްލާމްދީނާއި، ގައުމިއްޔަތާއި، މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް އިސްލާމީ އުސޫލުތަކަށް ބިނާކޮށް ގައުމު ތަރައްގީ ކުރުމަކީ އެ ޕާޓީ އުފެދުނު މަގުސަދުކަން ފާހަގަކޮށްފަ އެވެ. އަދި ސިޔާސީ ހަމަޖެހުމާއި ގައުމީ އެއްބައިވަންތަކަން ވަރުގަދަކުރުމަށް ގުޅިގެން މަސައްކަތް ކުރުމަކީ ގައުމަށް އެންމެ މަސްލަހަތު ހުރި ގޮތް ކަމަށް އެ ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.

އެނގިފައިވާ ގޮތުގައި ރައީސް މުއިއްޒު ގެންދަވަނީ އަދާލަތު ޕާޓީ ހިންގުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދެއްވަމުންނެވެ. އަދި އެ ޕާޓީގެ އޮފިޝަލަކު ވިދާޅުވީ މާލީ އެހީތެރިކަން ދޭތީ އެ ޕާޓީން ޕީއެންސީގެ ލީޑާޝިޕާއެކު ކުރިއަށް ދިޔުމަށް ނިންމީ ކަމަށެވެ. ހަމައެއާއެކު އެކަމާ ގުޅޭ ސިއްރު މަޝްވަރާތައް ރިސޯޓުތަކުގައި މިހާރު ކުރިއަށްދާކަން ވެސް ވަނީ އެނގިފަ އެވެ.

އަދާލަތު ޕާޓީއަކީ މީގެ ކުރިން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިތުރުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ވެސް ކޯލިޝަން ބައިވެރިއެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ޕާޓީއެކެވެ. އާ ލީޑަޝިޕެއްގެ ދަށުން އަދާލަތު ޕާޓީން ސަރުކާރާ ގުޅެން ނިންމިއިރު، އެ ޕާޓީގެ ކުރީގެ ރައީސް އިމްރާން އަބްދުﷲ މިހާރު ގެންދަވަނީ ސަރުކާރާ ދެކޮޅަށް ސިޔާސީ މަސައްކަތް ކުރައްވަމުންނެވެ.