ޑާކް ޗޮކްލެޓަކީ އެތައް ހާސް އަހަރެއް ވަންދެން މީރު ކެއުމެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ އެއްޗެކެވެ. މީގެ އިތުރުން މީގައި ހައިރާންކުރުވަނިވި ސިއްހީ ފައިދާތަކެއް އެކުލެވިގެންވެ އެވެ.

އާންމުކޮށް ޑާކް ޗޮކްލެޓް ބާއެއްގައި 200 ކެލޮރީ އަދި 22 ގްރާމް ހަކުރު ހުރެ އެވެ. މިއީ އަންހެނުންނާއި ފިރިހެނުން ދުވާލެއްގެ މައްޗަށް ބޭނުންކުރުމަށް ކަނޑައަޅާފައިވާ މިންގަނޑާ ގާތްކުރާ އަދަދެކެވެ. ކެއުމުގައި ހަކުރު ގިނަވުމަކީ ހަށިގަނޑުގައި ސަރުބީ އިތުރުވެ، ހިތުގެ ބަލިތައް ފަދަ ދިގުދަމާލޭ ބަލިތަކަށް މަގުފަހިވާ ކަމެކެވެ.

ނަމަވެސް، ޑާކް ޗޮކްލެޓުގައި ހުންނަ ފައިދާހުރި މާއްދާތަކުގެ ސަބަބުން، ހިތާއި، ގޮހޮރާއި އަދި ސިކުނޑީގެ ދުޅަހެޔޮކަމަށްޓަކައި މިންގަނޑެއްގެ ތެރޭގައި މިއީ ބޭނުންކުރުން ރަނގަޅު އެއްޗެއްގެ ގޮތުގައި ދިރާސާވެރިން ފާހަގަކުރެ އެވެ.

ސްކްރިޕްސް ކްލިނިކްގެ ކާޑިއޮލޮޖިސްޓެއް ކަމަށްވާ ޑރ. ޕައުލީނާ އުއްދީން ވިދާޅުވި ގޮތުގައި، ޗޮކްލެޓް ކެއުމަކީ ސިއްހަތަށް ފައިދާހުރި ކަމެކެވެ. ނަމަވެސް އެއީ ޑާކް ޗޮކްލެޓަށް ވާންޖެހެ އެވެ. ގަވާއިދުން ކުޑަ މިންވަރަކަށް ޑާކް ޗޮކްލެޓް ބޭނުންކުރުމުން ސިއްހީ ފައިދާތަކެއް ލިބޭކަން ދިރާސާތަކުން ދައްކާކަމަށް އޭނާ ވިދާޅުވި އެވެ.

ގަސްގަހާގެހިން ލިބޭ ބާރުގަދަ މާއްދާތައް

ޑާކް ޗޮކްލެޓުގައި "ޕޮލީފިނޯލްސް" އަދި "ފްލޭވޮނޮއިޑްސް" ފަދަ ގަސްގަހާގެހިން ލިބޭ މާއްދާތައް އެކުލެވިގެންވެ އެވެ. މިއީ ހަށިގަނޑު ދުޅަވުމުން ސަލާމަތްކޮށްދީ، ސެލްތައް ބަލިތަކުން ރައްކާތެރިކޮށްދޭ މާއްދާތަކެކެވެ. ނޯތުވެސްޓަން މެޑިސިންއިން ހާމަކުރާ ގޮތުގައި، މި މާއްދާތަކުގެ އެހީގައި ހަށިގަނޑުގައި "ނައިޓްރިކް އޮކްސައިޑް" އުފައްދައިދެ އެވެ. މިއީ ލޭހޮޅިތައް ހަމައަކަށް އަޅުވައި، ލޭގެ ދައުރުވުން ރަނގަޅުކޮށްދީ، ލޭގެ ޕްރެޝަރު ދުޅަހެޔޮ މިންވަރެއްގައި ހިފަހައްޓައިދޭ މާއްދާއެކެވެ.

ޔޫޓީ ހެލްތު ހިއުސްޓަންގެ ޕްރޮފެސަރެއް ކަމަށްވާ ޑރ ޖޯން ޕީ ހިގިންސް ވިދާޅުވި ގޮތުގައި، ނައިޓްރިކް އޮކްސައިޑަކީ ލޭހޮޅިތަކުގެ ސިއްހަތު ސަލާމަތްކޮށްދީ، ލޭހޮޅިތައް ބެދުމުން ރައްކާތެރިކޮށްދޭ ބާރުގަދަ މާއްދާއެކެވެ. ލޭގެ ދައުރުވުން ރަނގަޅުވުމަކީ ދަތުގެ މައްސަލަތައް މަދުވުމަށާއި ހަނދާންގަދަވުމަށް ވެސް އެހީތެރިވެދޭ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މޭޔޯ ކްލިނިކުން ބުނާ ގޮތުގައި، ފްލޭވޮނޮއިޑްސްގެ ސަބަބުން އިންސިއުލިންއަށް ހަށިގަނޑު އިޖާބަދޭ މިންވަރު އިތުރުވެ، ހަކުރުބަލީގެ ނުރައްކާ ކުޑަވެގެންދެ އެވެ. އަދި އަވިން ލިބޭ ގެއްލުންތަކުން ހަންގަނޑު ރައްކާތެރިކޮށްދީ، ހަމުގެ ކެންސަރުން ސަލާމަތްވުމަށްވެސް މި މާއްދާ އެހީތެރިވެދޭކަން ބައެއް ދިރާސާތަކުން ދައްކަ އެވެ.

މުހިންމު މިނަރަލްތަކާއި ހޯމޯންތައް

ޑާކް ޗޮކްލެޓުގައި ހަށިގަނޑަށް ކޮންމެހެން ބޭނުންތެރި މިނަރަލް ހުރެ އެވެ. މީގެ ތެރޭގައި މަސްތަކާއި ނާރުތަކުގެ މަސައްކަތަށް އެހީތެރިވެދޭ، އަދި ކަށިތަކުގެ ދުޅަހެޔޮކަމާއި ލޭގެ ހަކުރާއި ޕްރެޝަރު ކޮންޓްރޯލްކޮށްދޭ މެގްނީޒިއަމް ހިމެނެ އެވެ. މީގެ އިތުރުން، ހަކަތަ އިތުރުކޮށްދީ ހަށިގަނޑުގެ ހުރިހާ ހިސާބަކަށް އޮކްސިޖަން ފޯރުކޮށްދިނުމަށް އެހީވާ ކޮޕާއާއި އަޔަން ވެސް މީގައި އެކުލެވިގެންވެ އެވެ.

މިނަރަލްތަކުގެ އިތުރުން، ޑާކް ޗޮކްލެޓަކީ އުފާވެރިކަން އިހުސާސްކޮށްދޭ ހޯމޯންއެއް ކަމަށްވާ "ސެރޮޓޮނިން" ލިބިދޭ އެއްޗެއް ކަމަށް ޑރ. ހިގިންސް ވިދާޅުވި އެވެ. ސެރޮޓޮނިންގެ މިންވަރު މަތިވުމުން ލޭގެ ޕްރެޝަރު ދަށްވެ، ގޮހޮރުގެ ސިއްހަތާއި ނިދުމުގެ އާދަތައް ރަނގަޅުވެ އެވެ. "މީހާ އުފަލުގައި ހުންނައިރު ލޭގެ ޕްރެޝަރު ދަށްވޭ. އަދި އޭގެ ސަބަބުން ހިތުގެ ދުޅަހެޔޮކަމަށް އެހީވާ އެހެނިހެން މާއްދާތައް ވެސް ހަށިގަނޑުން އުފައްދައިދޭ،" އޭނާ ވިދާޅުވި އެވެ.

ޑާކް ޗޮކްލެޓުން އެންމެ ބޮޑު ފައިދާއެއް ލިބެނީ ކޮކޯ ހިމެނޭ މިންވަރު މަތިވެފައި، ހަކުރު އެކުލެވޭ މިންވަރު މަދު ވައްތަރުތަކުންނެވެ. ނޯތުވެސްޓަން މެޑިސިންއިން ލަފާދޭ ގޮތުގައި، ދުވާލަކު 70 އިންސައްތައަށް ވުރެ ގިނައިން ކޮކޯ ހިމެނޭ ޑާކް ޗޮކްލެޓުގެ އެންމެ އެއް ގޮޅި ނުވަތަ ތިން ގޮޅި ކެއުން ރަނގަޅެވެ.

ޑައިޓީޝަން ހޭލީ ޑޮކްރީ ވިދާޅުވާ ގޮތުގައި، ދިގު މުއްދަތަކަށް ސިއްހަތު ރަނގަޅު ކެއުމުގެ އާދައެއް ހިފެހެއްޓުމުގެ ސިއްރަކީ، ދޭތެރެއަކުން ކުޑަ ފޮނި އެއްޗެއް ނުވަތަ މޮޅު ޑާކް ޗޮކްލެޓް ކޮޅެއް ފަދަ ހިތްހަމަޖެހޭ ކާނާއެއް ބޭނުންކުރުމެވެ.