ބޭރުގެ ސީދާ އިންވެސްޓްމަންޓްތަކުގެ ސަބަބުން ގައުމެއްގެ މިނިވަންކަމާއި އިސްތިގުލާލަށް އެއްވެސް ނޭދެވޭ އަސަރެއް ނުކުރާނެ ކަމަށާއި، އޭގެ ބަދަލުގައި ގައުމުގެ އިގްތިސާދު ވަރުގަދަވެ މިނިވަންކަން ދެމެހެއްޓުމުގެ ގާބިލުކަން އިތުރުވާ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރަސްމާލޭގައި ތަރައްގީކުރާ ވޯޓާފްރަންޓް އަދި މެރީނާ މަޝްރޫއަށް އިޝާރާތް ކުރައްވައި ސޯޝަލް މީޑިއާ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، އިސްތިއުމާރީ އަޅުވެތިކަމުން މިންޖުވި ގައުމުތަކުގެ ތެރެއިން ތަރައްގީގެ މަގުގައި ކުރިއެރުން ހޯދާފައިވަނީ ބޭރުގެ އިންވެސްޓްމަންޓްތަކަށް މަރުހަބާ ކިޔައި، އެ ފުރުސަތުތަކުގެ ބޭނުން ހިފި ގައުމުތައް ކަމަށެވެ.

ނަމަވެސް، އެފަދަ އިންވެސްޓްމަންޓްތަކަކީ ހަމައެކަނި ގުދުރަތީ ވަސީލަތްތައް ނެގުމަށް އަމާޒުކުރެވޭ ކަންކަމަށް ވެގެން ނުވާނެ ކަމަށާއި، އޭގެ ބަދަލުގައި އެ ވަސީލަތްތައް ބޭނުންކޮށްގެން އާ އުފެއްދުންތައް އުފައްދައި އުފެއްދުންތެރިކަން އިތުރުކުރުމަށް މަގުފަހިވާންޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ސިންގަޕޫރާއި ދެކުނު ކޮރެއާގެ މިސާލު ނަންގަވަމުން ނަޝީދު ވިދާޅުވީ، ބޭރުގެ އިންވެސްޓްމަންޓްތަކުގެ ސަބަބުން އެ ގައުމުތަކުގެ އިގްތިސާދު ވަރުގަދަވެ، ބައިނަލްއަގުވާމީ މައިދާނުގައި ފާހަގަކޮށްލެވޭ މަގާމެއް ކަށަވަރުވެފައިވާ ކަމަށެވެ.

ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ރަސްމާލޭގައި ހިންގާ 'މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ' މަޝްރޫއާ ދެކޮޅަށް އިދިކޮޅު އެމްޑީޕީގެ ތެރެއިން ފާޑުކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައި، ނަޝީދު ގެންދަވަނީ އެ މަޝްރޫއުއަށް ފާޅުގައި ތާއީދު ކުރައްވަމުންނެވެ. އެގޮތުން ބޭރުގެ އިންވެސްޓްމަންޓްތަކާ ދެކޮޅު ހެދުމަކީ އެމްޑީޕީއަށް ސިޔާސީ ގޮތުން ގެއްލުންވާނެ ކަމެއް ކަމަށާއި، އީގަލް ހިލްސް ފަދަ ބޮޑެތި އިންވެސްޓަރުންނާއި ޔޫއޭއީ ފަދަ ގައުމުތަކާ ދެކޮޅަށް ވާހަކަ ނުދެއްކުމަށް އެމަނިކުފާނު ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނަށް އިލްތިމާސް ކުރައްވާފަ އެވެ.