މާފަންނު ބޮޑުގޭގެ އުތުރުކޮޅުގައި ޕާކިން ޒޯނެއް ހެދުމުގެ މަސައްކަތް ފަށައިފި އެވެ.

ބޮޑުގޭގައި ހަދާ ޕާކިން ޒޯނު ހެދުމުގެ މަސައްކަތް ފައްޓަވައި ދެއްވީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެވެ.

ޕާކިން ޒޯނު ފެށުމުގެ ރަސްމިއްޔާތުގައި ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން މޭޔަރު މުއިއްޒު ވިދާޅުވީ ބޮޑުގޭގައި ޕާކިން ޒޯނެއް ހަދަނީ މިސަރަހައްދުގެ މީހުންނަށް ފަސޭހަކަމާއެކު ޕާކު ކުރެވޭނެ ސަރަހައްދެއް ހޯދައި ދިނުމުގެ ބޭނުމުގައި ކަމަށެވެ.

ޕާކިން ޒޯން ހެދުމަށް ބިންގަނޑު އެއްވަރުކޮށް ގާ އެތުރުމުގެ މަސައްކަތް ފަށާފައިވާއިރު މި މަސައްކަތް ކުރަނީ މިސްކިތް ބޭނުންކުރުމަށް އެއްވެސް ދަތިކަމެއް ނުވާ ގޮތަށް ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން މުއިއްޒު ވިދާޅުވީ މާލެ ސިޓީގައި ހުސްކޮށް ހުރި ޖާގަތައް ބެލުމަށް ފަހު އެތަންތަން ރައްޔިތުނަށް ބޭނުން ހިފޭ ގޮތަށް ތަރައްގީ ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ޑރ. މުއިއްޒު މާލެ ސިޓީގެ މޭޔަރުކަމުގެ ހުވާ ކުރެއްވުމަށް ފަހު މާލެ ސިޓީގައި ބޮސުންލާފައިވާ ކަންތައްތައް ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އަދި ރައްޔިތުންނާ ލަބަޔާ މަންފާ ލިބޭ ކަންކަމުގައި މަޝްވަރާ ކުރެއްވުމުގެ ދައުވަތު ސަރުކާރަށް ވަނި ދީފަ އެވެ.