މާލެ ގެ މަގުތައް ސާފުތާހިރުކޮށް ބޭވުމަށް މަގުތައް ދޮވެ، ޑިސްއިންފެކްޓުކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން މިއަދު ފަށައިފި އެވެ.

މަސް މާރުކޭޓު ސަރަހައްދުން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މަގުތައް ދޮވެ، ޑިސްއިންފެކްޓްކުރުމުގެ މަސައްކަތް ފައްޓަވައި ދެއްވީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެވެ.

މި މަސައްކަތް ފެށުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މޭޔަރު މުއިއްޒު ވިދާޅުވީ މާލެ ޑިސްއިންފެކްޓް ކުރަން ނިންމީ އެޗްޕީއޭ އާއި ހެލްތު މިނިސްޓްރީގެ ވެސް އެދުމުގެ މަތިން ކަމަށެވެ. އެންމެ ފުރަތަމަ މިމަސައްކަތް ފަށާފައި ވަނީ އެންމެ ގިނަ މީހުން އެއްވެ އުޅޭ ސަރަހައްދު ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

މިދިޔަ ހަފުތާގައި އާ ސިޓީ ކައުންސިލުން ވަނީ އެޗްޕީއޭއާ ބައްދަލުކޮށް، މާލެ ސަރަހައްދުގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް ދެ ފަރާތުން ގުޅިގެން ކުރެވިދާނެ ކަންކަމާ މެދު މަޝްވަރާ ކޮށްފަ އެވެ.

މާލޭގެ ހުރިހާ މަގުތަކެއް ޑިސްއިންފެކްޓް ކުރަން ސިޓީ ކައުންސިލުން ވަނީ ނިންމައިފަ އެވެ.

މިކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމްގެ އެއްބާރުލުން ލިބޭކަން ފާހަގަ ކުރައްވަމުން ޑރ. މުއިއްޒު ވިދާޅުވީ މާލެ މަގުތައް ފާސުކޮށް ނިމުމުން ހުޅުމާލެ އާއި ވިލިމާލެގެ މަގުތައް ވެސް ސާފު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

މާލެ ސިޓީ ކައުންސިލަށް އަލަށް އިންތިހާބުކުރި މެމްބަރުން މިދިޔަ އާދިއްތަ ދުވަހު މަގާމާ ހަވާލުވެވަޑައިތުމަށް ފަހު، މި ނިމުނު ހަފުތާގައި ވަރަށް ބާރު ސްޕީޑެއްގައި މަސައްކަތްތައް ކުރިއަށް ގެންދަން މަޝްވަރާތައް ކުރައްވައި އަދި ކުރަން ރާވާފައިވާ ބައެއް ކަންކަން ވެސް ވަނީ މީޑިއާ އަށް ހާމަކޮށްފަ އެވެ.

މާލޭ ސިޓީގައި ރަނގަޅު ކުރަންހުރި ކަންތައްތައް ބައްލަވައި ރައްޔިތުންގެ އަޑު އެއްސެވުމަށް މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ދަނީ ރައްޔިތުން ގާތަށް ޒިޔާރަތް ކުރައްވަމުންނެވެ. އިއްޔެ ވަނީ މާރުކޭޓު ސަރަހައްދަށް ވަޑައިގެން ދަތުރުވެރިިންގެ މާރުކޭޓާއި މަސް މާރުކޭޓު އަދި ލޯކަލް މާރުކޭޓުގައި މަސައްކަތްކުރާ މީހުންނާ ވެސް ބައްދަލު ކުރައްވައިފަ އެވެ.