ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް ޑީއާރްޕީއާ އަލުން ގުޅިވަޑައިގެންފި ނަމަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ދެއްވި ހޯއްދަވަން މަސައްކަތް ނުކުރައްވާނެ ކަމަށް ޑީއާރްޕީގެ ލީޑަރު އަދި ކާށިދޫ ދާއިިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.

ޖާބިރު ވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނު ކަންކަމަށް މައުމޫނަށް 29 މިލިއަން ރުފިޔާ ދެއްވި ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ. ނަމަވެސް މައުމޫނު ވިދާޅުވެފައި ވަނީ އެފަދަ މުއާމަލާތެއް ހިންގަވާފައިނުވާނެ ކަމަށެވެ.

ޗެނަލް 13 އިން ފޮނުވި ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޖާބިރު ވަނީ 2005 ވަނަ އަހަރު މައުމޫން އުފެއްދެވި އެންމެ ފުރަތަމަ ސިޔާސީ ޕާޓީ ކަމުގައިވާ ޑީއާރުޕީއަށް އެނބުރި ވަޑައިގަތުމަށް ދައުވަތު އަރުވާފަ އެވެ. އަދި އެ ދައުވަތު ގަބޫލުކުރައްވައިފި ނަމަ، 29 މިލިއަން ރުފިޔާގެ ލޯން މާފުކުރައްވާނެ ޖާބިރު ވިދާޅުވި އެވެ. އަދި އޭނާ ވިދާޅުވީ ދަރަނި މާފުކޮށް ދިނުމުގެ އިތުރުން ރިޔާސީ ޓިކެޓް ވެސް ދެއްވާނެ ކަމަށެވެ.

ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ޑީއާރްޕީއާ ގުޅިވަޑައިގަތުމުގެ ދައުވަތު ޖާބިރު ދެއްވި އެވެ. އަދި ވިދާޅުވީ ނަޝީދު އެމްޑީޕީ ހިންގުމަށް ވުރެ ބުއްދިވެރި ވާނީ ޑީއާރުޕީ ހިންގުން ކަމަށެވެ.

ރިޔާސީ އިންތިހާބާ ދިމާކޮށް މައުމޫޫނަށް ދިން ފައިސާ އަނބުރާ ނުދެއްކުމުން މައުމޫނާ ދެކޮޅަށް ޖާބިރު ފުރަތަމަ މައްސަލަ ހުށަހެޅުއްވުމުން ފުލުހުން އެ މައްސަލަ ބަލައިގެންފައެއް ނުވެ އެވެ. ދެވަނަ ފަހަރަށް އެ މައްސަލަ ހެއްކާއި އެއްކޮށް ހުށަހެޅުމުން މައްސަލަ ބެއްލެވުމަށްޓަކައި އޭނާ ފުލުސް އޮފީހަށް ވެސް ވަނީ ހާޒިރު ކުރެވި އެވެ. ނަމަވެސް 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ޖާބިރު ވަނީ މައުމޫން އަނބުރާ ދައްކަވާ ގޮތަށް ޖާބިރުގެ އަތުން ނެންގެވި ކަމަށް ބުނާ 29 މިލިއަން ރުފިޔާ އިންޓްރެސްޓް އާއެކު 59 މިލިޔަން ރުފިޔާ މާފުކޮށް، ފުލުހުންނަށް ހުށަހެޅުއްވި މައްސަލަ އަނބުރާ ނަންގަވާފަ އެވެ.

އެ ފަހަރު މައްސަލަ ނެންގެވީ ޖާބިރުގެ މަންމަ މަރިޔަމް މަނިކުގެ އެދިވަޑައިގަތުމަކަށް ކަމަށްވެ އެވެ. އެއީ ދެ ބޭފުޅުންގެ މަންމާފުޅު ހުވަދޫ އަތޮޅަށް ނިސްބަތްވުމުން ތިމާގެ ވާނެ ކަމަށް ވިދާޅުވެ އެވެ. ނަމަވެސް ޖާބިރު ވަނީ ފަހުން އެ މައްސަލަ ކޯޓަށް ހުށަހަޅުއްވައިފަ އެވެ. ޖާބިރުގެ ފަރާތުން މި މައްސަލަ ކޯޓަށް ހުށަހެޅުއްވީ އޭނާގެ އަނބިކަނބަލުން އަދި ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދެވެ.

"ޑިމޮކްރެސީ" ގެނައުމަށްޓަކައި ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން މެދުވެރިކޮށް ކޮލަމްބޯގައި ދިން ކަމަށް ބުނާ ފައިސާގެ ވާހަކަ މައުމޫން ތަކުރާރުކޮށް ދޮގުކުރައްވަ އެވެ. ސިވިލް ކޯޓުން ވެސް އެ މައްސަލަ ނިންމީ މައްސަލަ މައުމޫންގެ މައްޗަށް ސާބިތު ނުވާ ކަމަށެވެ. އެ ދައުވާގައި ހޯދަން އެދިފައިވާ ފައިސާ ދައްކަން މައުމޫންގެ މައްޗަށް އަންގާނެ ތަނެއް ނެތް ކަމަށް ހުކުމްގައިވެ އެވެ.

ނަމަވެސް ޖާބިރު ފެށުނީއްސުރެ ވެސް އަންނަނީ މައުމޫނަށް ދެއްވިކަމަށް ބުނާ ފައިސާއެއްގެ ވާހަކަ ދައްކަވަމުންނެވެ. ޖާބިރު ވިދާޅުވާ ގޮތުން ސިވިލް ކޯޓުގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުގެ ދިޔާނާ އަންނަނީ ކުރައްވަމުންނެވެ.

މިހާރު ޑީއާރުޕީގެ ލީޑަރަކަށް މިހާރު ޖާބިރު ހުންނެވި ނަމަވެސް އެ ޕާޓީއަކީ މައުމޫން 2005 ވަނަ އަހަރު އުފެއްދި ޕާޓީއެކެވެ. 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޑީއާރުޕީގެ ޓިކެޓުގައި މައުމޫން ވާދަކުރެއްވި އެވެ. ނަމަވެސް އިންތިހާބު ނާކާމިޔާބުވެ، އެ ޕާޓީގެ ލީޑަރަކަށް ފަހުން އިންތިހާބުވި އަހްމަދު ތަސްމީން އަލީއާއި ދެމެދު ޖެހުނު މައްސަލައެއްގައި ހިޔާލު ތަފާތުވެ، ޕާޓީ ދޫކުރައްވާ ވަޑައިގަތެވެ. އެއަށްފަހު 2011 ވަނަ އަހަރު ޕީޕީއެމް އުފެއްދެވި އެވެ.

ޕީޕީއެމުން 2013 ވަނަ އަހަރު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އެވެ. ޕީޕީއެމްގެ ރިޔާސީ ޓިކެޓް ލިބިވަޑައިގަތީ ރައީސް މައުމޫންގެ ކޮއްކޮ ރައިސް އަބްދުﷲ ޔާމީންއަށެވެ. ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނާއި ހިޔާލް ތަފާތުވެ، ޕީޕީއެމްގެ ތެރޭގައި ދެ ފެކްޝަނެއް އުފެދުނެވެ. އެ މައްސަލާގައި ރައީސް މައުމޫންގެ ޕާޓީ ދޫކުރައްވާ ވަޑައިގަތެވެ. އެއަށްފަހު 2019 ވަނަ އަހަރު ތެރޭގައި އެމްއާރުއެމް އުފެއްދެވި އެވެ.