ރާއްޖޭގެ މިހާރު ކޮވިޑް ހާލަތާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ހައިތަމް، ހެލްތް މިނިސްޓަރު އަހްމަދު ނަސީމްއާ ސުވާލު ކުރެއްވުމަށް ހުށަހަޅުއްވައިފި އެވެ.

ކޮވިޑް ހަލުވިކަމާއެކު ރާއްޖޭގައި ފެތުރެވުން އަންނާތީ މަޖިލީހަށް ހުށަހެޅުވި މައްސަލައާ ބެހޭ ގޮތުން ކުރެއްވި ޓްވީޓްގައި މެމްބަރު ހައިތަމް ވިދާޅުވެފައި ވަނީ މިވަގުތު ރާއްޖޭގައި ބައްޔަށް ފަރުވާ ދިނުމަށް ތިބީ ކިތައް ސިއްހީ ހިދުމަތްތެރިންތޯ އާއި ބާކީ ހުރި އެނދުގެ ތަފްސީލްތަކާއި މިވަގުތު ރާއްޖޭގައި ހުރި ވެންޓިލޭޓަރުގެ އަދަދާއި އޮކްސިޖަން ސަޕްލައިގެ ތަފްސީލްތަކާއި އަދި މެޑިކަލް ސަޕްލައިގެ ތަފްސީލްތައް ހޯދުމަށެވެ.

މި ސުވާލުތަކުގެ ޖަވާބު ހޯދުމަށް ހައިތަމް އެދިވަޑައިގަތީ ލިޔުމުންނެވެ.

ކޮވިޑް ބަލިޖެހޭ މީހުންގެ އަދަދު ކޮންމެ ދުވަހަކު 1000 އިން މަތީގައި އުޅޭއިރު މިމަހު އެކަނިވެސް މިބަލީގައި 50 އަށް ވުރެން ގިނަ މީހުން ވަނީ މަރުވެފަ އެވެ.

ސިއްހީ ނިޒާމަށް ނުކަތާ ވަރަށް ކޭސްތައް އިތުރުވަމުން އަންނައިރު، ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި ވާ މީހުންގެ އަދަދު ވެސް ވަނީ 294 އަށް އަރާފަ އެވެ. ބަލި މީހުންނަށް ހިދުމަތް ކުރަން ތިބި މީހުންގެ އަދަދު މަދުވެފައިވާ ކަމަށް ވެސް މިއަދު ސަރުކާރުން ވަނީ ބުނެފަ އެވެ.