ކޮވިޑް- 19 އިން ރަނގަޅުވެ ޓެސްޓް ނެގެޓިވްވުމުން އެ ބަލިމަޑުކަމުން ރައްކާތެރި ވެވުނީ ކަމުގައި ބަލައިގެން ނުވާނެ އެވެ. ބަލިން ރަނގަޅު ވުމަށްފަހު ވެސް ބަލީގެ އަލާމާތްތައް ހަޔާތުގައި ދިގު މުއްދަތަކަށް ދެމިގެން ދިއުމަކީ ވަރަށް ގާތް ކަމެކެވެ.

އެ ގޮތުން މިލިޔުމުގައި މި ބަލާލަނީ ކޮވިޑް ބަލިން ރަނގަޅުވުމަށްފަހު ވެސް ފެނިދާނެ ބައެއް އަލާމާތްތަކާއި އެކަންކަމަށް ސަމާލު ވާންވީ ގޮތްތަކަށެވެ.

ކެއްސުން

ދިގު މުއްދަތަކަށް ކެއްސުމަކީ ކޮވިޑް- 19 އިން ރަނގަޅުވާ ގިނަ މީހުންގެ ކިބައިން ފެންނަ އަލާމާތެކެވެ. އެގޮތުން ރަނގަޅު ވުމަށްފަހު ވެސް ގިނަ ހަފުތާ ތަކެއްވަންދެން ކެއްސުން ކުރިއަށްދާ ފަހަރު ވެސް އާދެ އެވެ. ދިގު މުއްދަތަކަށް ކެއްސާނަމަ އެއީ ފުއްޕާ މޭގެ މައްސަލަތައް ހުރިކަމުގެ އަލާމާތެކެވެ.

ހުޅުތަކުގައި ރިއްސުން

ކޮވިޑް-19 އަށް ފަހު ގައިގެ ވަރުދެރަވުމާއި ހުޅުތަކުގައި ރިއްސުމަކީ އާއްމު ކަމެކެވެ. ކޮވިޑް-19 ފަދަ ނުރައްކާތެރި ވައިރަސްއަކުން ހަށިގަނޑު ސަލާމަތްވުމަށްފަހު ދިފާއީ ނިޒާމު ހުންނާނީ ބަލިކަށި ވެފަ އެވެ. އެކަމުގެ ސަބަބުން ހުޅުތަކުގައި ރިއްސާ ގައިގެ ވަރުދެރަވުމަކީ ވެދާނެ ކަމެއް ކަމަށް ޑޮކްޓަރުން ވިދާޅުވެ އެވެ.

ނިދުމުގެ އުނދަގޫތައް

ކޮވިޑުން ރަނގަޅުވާ ބަލި މީހުންނަށް ނިދުމުގެ އުނދަގޫތައް ކުރިމަތިވާކަމުގެ ރިޕޯޓްތައް ވަނީ ފެންމަތިވެފަ އެވެ. އެގޮތުން ނިދި ހަމަ ނުވުމާއި ނިދީގައި އެކި ކަހަލަ އުނދަގޫތައްވުމަކީ މިފަދަ މީހުންގެ ފަރާތުން ފެންނަ ކަމެކެވެ.

ހަނދާން ބަލިވުން

ހަނދާންބަލިވެ ސިކުނޑީގެ މައްސަލަތަކެއް ވެސް ވަނީ ކޮވިޑުން ރަނގަޅުވާ މީހުންގެ ކިބައިން ފާހަގަވެފަ އެވެ. ހަމަ އެއާއެކު ނަފްސާނީ މައްސަލަތައް ކުރިމަތިވުމާއި ސިކުނޑީގެ ބަލިތަކަށް ހުށައެޅުމަކީ ކޮވިޑުން ރަނގަޅުވާ ބަލި މީހުންގެ ކިބައިން ފެނިދާނެ ކަންކަމެވެ.

އަޅުގަނޑުމެންގެ މުޖުތަމައުގައި ކޮވިޑްގެ ހާލަތު އިންތިހާއަށް ގޯސްވެފައިވާ ހާލަތެއްގައި މިފަދަ މައުލޫމާތު އެއްކޮށް ހޭލުންތެރިވާން ޖެހެ އެވެ.