ދުނިޔެއަކީ އެނބުރޭ ވަހުތާނެކެވެ. ވަގުތާއި ހާލަތު ބަދަލުވެއެވެ. އެންމެ ގާތް އެކުވެރިން ހަތުރުންނަށްވެ ނިމެ އެވެ. އެއްބަނޑު އެއްބަފާކަމުގެ ގުޅުން ކެނޑި ބީރައްޓެހިންނަށް ވެދެ އެވެ. މިއީ ދުނިޔޭގެ އާދަ އެވެ. ނޭނގި ނަމަވެސް އަމިއްލަ އެދުން އިސްކުރެވި އެންމެ ގާތް މީހުންނަށް ދެރަ ދެވޭ ތަން އާދެ އެވެ. އެއީ އިންސާނުންގެ ފިޠުރަތޭ ބުނެވިދާނެ އެވެ. އެހެނީ އަމިއްލަ ނަފްސު ދިފާއުކޮށް އެ ނަފްސަށް އެންމެ ރަނގަޅު ގޮތް ހޯދަން މަސައްކަތްކުރުމަކީ އިންސާނުންގެ ފިތުރަތުގައި ލައްވަވާފައިވާ ކަމެކެވެ. ނަމަވެސް އެ މަސައްކަތުގައި އަނެކުންނަށް ދެރައެއް ނުދީ ކުރިއަށް ދިއުމުގެ އިޚްތިޔާރު އިންސާނުންނަށް ދެއްވާފައިވެ އެވެ.
ދުނިޔަވީ ކަންކަމުގައި އެކަކަށް ވުރެ އަނެކަކު ކުރިއަރާ ދިއުމުގެ ނުބައި ސަގާފަތެއް އަޅުގަނޑުމެންގެ ތެރޭގައި އަށަގަނެފައި އެބަ އޮތެވެ. ވިޔަފާރިކުރުމުގައި ނުވަތަ ވަޒީފާގެ މައިދާނުގަ އެވެ. މުދަލާއި ބާރު ހޯދުމުގަ އެވެ. މި ނޫންވެސް އެކި ކަންކަމުގައި އަނެކުން ފަހަތަށް ޖައްސައި ކުރިއެރުމަކީ އަޅުގަނޑުމެންގެ ތެރެއިން ގިނަ ބައަކަށް ލިބޭ އުފަލަކަށް ވަނީ ވެފަ އެވެ. ބައެއް ފަހަރު މި ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި މަކަރާއި ޚިޔާނާތުގެ މަގު އިޚުތިޔާރު ކުރެވެ އެވެ. ރިޝްވަތު ދިނުމާއި ހިފުމުގައި ބައިވެރިވެ އެވެ. އަޅުގަނޑުމެންގެ މުޖުތަމައަކީ ކުޑަ މުޖުތަމައަކަށްވުމާއެކު މިފަދަ ކަންތައްތަކުގެ ޝިކާރައަކަށް ގިނަފަހަރަށް ވަނީ ދަންނަ މީހެކެވެ. ނުވަތަ ތިމާ އެހުރި ހިސާބަކަށް ވާސިލްވުމަށްޓަކައި އެންމެ އެހީވެދިން ފަރާތެވެ.
ނަތީޖާއަކީ ކޮބާތޯ އެވެ. އަޚުވަންތަކަމުގެ ގުޅުން ކެނޑިދެ އެވެ. މުޖުތަމައުގައި ފަސާދަ އުފެދި އެއްބައިވަންތަކަން ނެތިދެ އެވެ. ޒަމާނުއަސުރެ އަޅުގަނޑުމެން ދިވެހިންނަށް ލިބިފައި އޮތް ރީތި ނަމަށް ހުތުރު ލިބެ އެވެ. އޭ އަޚުންނޭވެ! ދުނިޔަވީ ރޯއްޖަކީ ވަޤުތީ އުފަލެކެވެ. ތިބާ ތިޔަ ހޯދާ މުދަލާއި ބާރަކީ މާތްރަސްލާނގެ ޙަރާމް ކުރެއްވި މަގަކުން ހޯދި އެއްޗެއްނަމަ އޭގައި އެއްވެސް ބަރަކާތެއް ނުވެ އެވެ. އާޚިރުގައި އެއީ ތިމާ ހަލާކަށް ހުށައަޅައިދޭނެ ކަމެކެވެ.
އޭ އަޚުންނޭވެ! އަނެކާގެ ހައްގަކަށް އަރައިގަނެވިފައިވާނަމަ ލަސްނުކޮށް އިއުތިރާފުވާށެވެ. މައާފަށް އެދޭށެވެ. މާތްރަސްކަލާނގެ ހަޟްރަތަށް ތައުބާވާށެވެ. އެއީ ގިނަގިނައިން އަފޫ ކުރައްވާ ރަސްކަލާނގެ އެވެ. މުދާ ހޯދުމުގައި ޙަލާލު ރާސްތާ ޚިޔާރު ކުރާށެވެ. އެއީ އެމަގުގައި ކިތަންމެ ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހުނު ކަމުގައި ވިޔަސް މެ އެވެ. އޭރުން ތިބާގެ މުދަލުގައި ބަރަކާތް ލައްވައި ރޯދި އިތުރު ކުރައްވާނެތެވެ. ދެ ދުނިޔެއިން ވެސް ބާއްޖަވެރިކަން ލިބޭނެތެވެ.