ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދަން ފަށައިފި އެވެ.

އިމިގްރޭޝަންގެ ކޮންޓްރޯލާ މުހައްމަދު އަހްމަދު (ހަނަފީ) އޮންލައިން ނޫހަކަށް މައުލޫމާތު ދެމުން ވިދާޅުވެފައި ވަނީ، މިހާރު ކުރިއަށް ގެންދާ ޕްރޮގްރާމަކީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގަވައިދުގެ ތެރެއަށް ވައްދަން ކުރިން ވެސް ކުރިއަށް ގެންދިޔަ ޕްރޮގާރާމުގެ ބައެއް ކަމަށެވެ. އެކަމަކު މިވަގުތު އިސްކަން ދެނީ ކޮވިޑާ ގުޅިގެން ފިޔަވަޅު އަޅާފައިވާ ވަގުތުގައި ހުއްދައާ ނުލައި ބޭރުގައި އުޅޭ ބިދޭސީންނާއި ވޯކް ވިސާ ނެތް ބިދޭސީން އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންދަން ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

އެގޮތުން ވޯކް ވިސާ ނެތް މީހުނާއި ކާފިއު ވަގުތު ހުއްދަ ނެތި މަގުމަތީގައި އުޅޭ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދާނެ އެވެ. ބިދޭސީން ގަވައިދުގެ ތެރެއަށް ވަނުމަށް ރަޖިސްޓްރީވާން މީގެ ކުރިން ހުޅުވާލި މުއްދަތުގައި ރަޖިސްޓްރީ ނުވެ ހުރި ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް މިފަހަރު ގެންދެވިއްޖެނަމަ އެމީހަކު ރާއްޖެއިން ފޮނުވާލާނެ އެވެ. ނަމަވެސް އެމީހަކީ ގާނޫނާއި ގަވައިދުގެ ތެރެއިން ރާއްޖޭގައި އުޅޭ މީހެއް ނަމަ އެ މީހަކަށް ވަޒީފާ ދީފައިވާ ފަރާތާ ހަވާލު ކުރާނެ އެވެ.

ދެތިން ދުވަސް ކުރިން ފަށާފައިވާ އެ އޮޕަރޭޝަންގެ ދަށުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދާ މީހުންގެ ތަފްސީލް މައުލޫމާތު ވަގުތުން އާއްމު ނުކުރާނެ އެވެ. އެ އޮޕަރޭޝަން ކުރިއަށް ގެންދަނީ އިމިގްރޭޝަނާއި ފުލުހުން ގުޅިގެންނެވެ.

ކޮވިޑް-19ގެ ސަބަބުން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިއުމަށް މީގެ ކުރިން ހިންގި ހަރަކާތް ވަނީ ވަގުތީ ގޮތުން ހުއްޓާލައިފަ އެވެ. އަދި ބިދޭސީން ބައިތިއްބާނެ އެކަށީގެންވާ ޖާގައެއް ނެތިގެން ވެސް އެ ހަރަކާތް ވަނީ މެދުކަނޑާލައިފަ އެވެ. މިހާރު ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބައިތިއްބާނެ ތަނެއް އިކޮނޮމިކް މިނިސްޓްރީގެ އެހީގައި ވަނީ ހޯދިފަ އެވެ. އެގޮތުން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް ބައިތިއްބަނީ ހުޅުމާލޭގައި ހަދާފައިވާ ޑިޓެންޝަނެއްގަ އެވެ.

ވޯކް ވިސާ ނެތް ފަރާތްތަކާއި ކާފިއު ވަގުތު ހުއްދައާއި ނުލައި މަގުމަތީގައި އުޅޭ ބިދޭސީން އިމިގްރޭޝަނާ ހަވާލު ކުރުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށް ފުލުހުން ވަނީ މިއަދު ބުނެފަ އެވެ.