މޯލްޑިވްސް ކަރެކްޝަނަލް ސާވިސް(އެމްސީއެސް) ބެލުމުގެ ދަށުގައި ތިބި ގައިދީންގެ ތެރެއިން 17 ހައި ރިސްކު ގައިދީއަކު ވަގުތީގޮތުން ގެއަށް ބަދަލުކޮށްފި އެވެ.

ކަރެކްޝަން ސާވިސްއިން ބުނީ، ޖަލުގައި ވެސް ކޮވިޑް ބަލި އުޅޭތީވެ ގައިދީންގެ ތެރޭގައި ތިބި ހައިރިސްކް މީހުން ދެނެގަތުމަށް ރިސްކް އެސެސްމަންޓެއް ހަދާފައިވާ ކަމަށެވެ.

އެސެސްމެންޓް ރިޕޯޓަށް ބަލާއިރު ހައިރިސްކް ގައިދީންގެ ގޮތުގައި 40 މީހަކު ވަނީ ފާހަގަކުރެވިފަ އެވެ. އެ މީހުން ގެއަށް ބަދަލުކުރަން އެދުމުން މިހާތަނަށް އާއިލާ އިން ހަވާލުވެގެން ގެއަށް ބަދަލުކުރެވުނީ 17 ގައިދީންނެވެ. ބާކީ ތިބި 23 ގައިދީން ވެސް އާއިލާތަކާ ވަގުތީ ގޮތުން ހަވާލުކުރުމުގެ މަސައްކަތް ކަރެކްޝަނުން ދަނީ ކުރަމުންނެވެ.

މިހާރު ކަރެކްޝަންއިން ހައިރިސްކު ގައިދީން ބަލަހައްޓަމުން އަންނަނީ ކުރިއަށް ވުރެ ބޮޑަށް ސަމާލުކަން ދީގެންނެވެ. ކަރެކްޝަނުން ބަލަހައްޓާ ޖަލެެއް ކަމަށްވާ އައްސޭރި ޖަލުގައި ބަންދުކޮށްފައިވާ 94 ގައިދީއަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އަދި މާލޭ ޖަލުން 12 ގައިދީއަކު ކޮވިޑަށް ޕޮޒިޓިވްވެފައި ވާއިރު ހުޅުމާލޭ ހިންގާ ޑިޓެންޝަން ސެންޓަރުގައި ދެ ބިދޭސީއަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

މާފުށި ޖަލު އަދި ހުޅުމާލޭ ޖަލުގައި ކޮވިޑަށް ޕޮޒިޓިވްވެފައިވާ އެއްވެސް ގައިދީ އެއް ނެތެވެ. ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ވެސް އެއްވެސް ގައިދީ އަކު ފަރުވާ ހޯދަމުން ނުދެ އެވެ.