ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އަހަރުމެންގެ ތެރެއިން ގިނަ ބައެއްގެ ކިބައިގައި އަށަގެނެފައި ހުރި ނޭދެވޭ އާދެ އެކެވެ. އެކަމުން ލިބޭ ސިއްހީ ގެއްލުންތަކާއި އިޖުތިމާއީ ގެއްލުތައް އިންތިހާއަށް ގިނަ އާދަ އެކެވެ.
މި އާދައާ ދުރުވާން މަސައްކަތް ކުރުމަކީ ގިނަ ގޮންޖެހުން ތަކަކާ ކުރިމަތި ކުރުވާނެ ކަމެކެވެ. ނަމަވެސް ވަރުގަދަ އަޒުމަކާއެކު އެއީ ނުވާނެ ކަމެއް ނޫނެވެ. މި ލިޔުމުގައި މި ބަލާލަނީ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަށް މަސައްކަތް ކުރާ މީހަކަށް ހުރި ބައެއް އިރުޝާދުތަކަށެވެ.
ކެއުމުގެ ފަހުން ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ ތެރޭގައި އާއްމު ކަމެކެވެ. އެހެން ކަމުން ކެއުމަށް ގެންނަ ބަދަލުތަކަކުން ކެއުމުގެ ފަހުން ދުންފަތުގެ އިސްތިއުމާލު ކުރަން ބޭނުންވާ ބޭނުންވުން ކުޑަ ކޮށްދެ އެވެ.
އެގޮތުން ނޮން ކާބޮނޭޓަޑް ބުއިންތައް ކެއުމުގައި ބޭނުންކޮށްފި ނަމަ ކެއުމުގެ ފަހުން ސިނގިރޭޓުގެ ރަހަ ނުބައި ކޮށްދެ އެވެ. ނުބައި ރަހައިގެ ސަބަބުން ދަހިވުން ކޮންޓްރޯލްވެ، ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަށް އެހީވެ އެވެ. މިފަދަ ބުއިން ތަކުގެ ތެރޭގައި ފެނާއި ތާޒާ މޭވާ ޖޫސް ހިމެނެ އެވެ. އަދި ކިރު، ޗީޒް، ޔޯގަޓް އަދި ތަރުކާރީގެ ބާވަތްތައް ކެއުމުގައި ހިމެނުމަކީ ކެއުމުގެ ފަހުން ދުންފަތުގެ އިސްތިއުމާލު ކުރަން ބޭނުންވުން ކުޑަކޮށްދޭ ކަމެއް ކަމަށް ދިރާސާތަކުން ދައްކަ އެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން މަސައްކަތް ކުރާއިރު "ޖަންކް ފުޑް" އަދި ފޮނި ތަކެތި ކާހިތްވުމަކީ އާއްމު ކަމެކެވެ. އެހެންކަމަށް ވާނަމަ ޕޮޕްކޯން ބޭނުން ކުރެވިދާނެ އެވެ. އަދި ޕްރޮސެސްޑް ހަކުރުގެ ބަދަލުގައި މޭވާ ފަދަ ގުދުރަތީ ހަކުރު ލިބިދޭ ބާވަތްތައް ބޭނުން ކުރެވިދާނެ އެވެ.
މިއާއެކު ދުންފަތުގެ އިސްތިއުމާލު ކުރުމުގެ އިހްސާސް ގެނެވުމަށް ފޮނިތޮށި ނުވަތަ ކެރެޓް ބޭނުން ކުރުމަކީ ކުރެވިދާނެ ކަމެކެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަކީ ފަސޭހަ ކަމެއް ނޫނެވެ. ގިނަ ދުވަހުން ހާސިލް ކުރެވޭ ބުރަ ކަމެކެވެ. ނަމަވެސް ކުރިން ދެންނެވުނު ފަދައިން އެއީ ވަރުގަދަ އަޒުމަކާއެކު މަސައްކަތް ކޮށްފި ނަމަ ނުވާނެ ކަމެއް ނޫނެވެ.