ނުކުޅެދުންތެރިކަމަކީ ދިރިއުޅުމުގެ ކަންކަމަށް ހުރަސްއަޅާ ކަމެއް ކަމަށް ގިނަ ބަޔަކު ދެކެ އެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އާއްމު ދިރިއުޅުމެއްގައި ނޫޅެވޭނެ ކަމަށް ގަބޫލުކުރާ މީހުން ވެސް މަދެއް ނޫނެވެ.

ނަމަވެސް ނުކުޅެދުންތެރިކަމަކީ އާއްމު ދިރިއުޅުމަށް އޮތް ހުރަހެއް ނޫންކަން ޚުދު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން މިއަދު ދަނީ ސާބިތު ކޮށްދެމުންނެވެ. ނުކުޅެދުންތެރިކަމާއެކު ވެސް އެހެން އިންސާނުންނެކޭ އެއްފަދައިން ދިރިއުޅެވިދާނެކަން އެ ފަރާތްތަކުން އަންނީ އެކި ފެންވަރުގައި މުޅި ދުނިޔެއަށް ދައްކައި ދެމުންނެވެ.

ލުބްނާންއަށް ނިސްބަތްވާ 43 އަހަރުގެ ޑެރީން ބާބާއަށް އޭނާގެ ވާތު ފައިގެ ކަކުލުގެ މަތިން ބުރިކޮށްލަން ޖެހުނީ އުމުރުން 15 އަހަރުގައި ކަށީގެ ކެންސަރަށް ފަރުވާ ހޯދުމަށެވެ.

ޑެރީން ވޯލް ސިޓް ހަދަނީ

އޭގެ 28 އަހަރު ފަހުން ޑެރީން މިވަނީ ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދާފަ އެވެ.

ފާރެއްގައި ލެގިގެން ކަކޫ 90 ޑިގްރީއަށް ލަންބައިގެން ހަދާ "ވޯލް ސިޓް" އެންމެ ގިނައިރު ވަންދެން ހެދި އަންހެނާގެ ލަގަބު ޑެރީން ހޯދީ އެގޮތަށް ދެމިނެޓާއި 8.24 ސިކުންތު އިނދެގެންނެވެ.

"އަހަރެންގެ ފައި ގެއްލުނީ އުމުރުން އެންމެ 15 އަހަރުގައި ކެންސަރު ޖެހިގެން. އޭގެ 28 އަހަރު ފަހުން އަހަރެން އެނބުރި މިއައީ އޭރަށްވުރެ ވަރުގަދަ އަޒުމެއްގައި،" ޑެރީން ބުންޏެވެ.

ޑެރީން އިތުރަށް ބުނީ ފާއިތުވެ ދިޔަ އަހަރުތަކުގެ ތެރޭގައި އޭނާގެ ވާހަކައިން ގިނަ ބަޔަކު ހިތްވަރު ލިބިގަނެފައިވާ ކަމަށާއި ލިބުނު ރެކޯޑާއެކު އޭނާގެ ވާހަކަ މުޅި ދުނިޔެއަށް އެނގި އެކަމުން އޭނާ ފަދަ އެހެން މީހުން ހިތްވަރު ލިބިގަތުމަކީ ލިބޭނެ އުފަލެއް ކަމަށެވެ.

ޑެރީންގެ މި ރިކޯޑާއެކު ދުނިޔޭގެ ރެކޯޑް ފޮތުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ކޮށްގެން ކެޓަގަރީއެއް އުފެދުނީ އެވެ. މިއާއެކު ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދުމުގެ ފުރުސަތު ގިނަ ބަޔަކަށް ހޮޅުވި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން ވެސް ތަފާތު ކަމެއް ކުރުމަށް ހިތްވަރު ލިބޭނެ ކަމަށް ދުނިޔޭގެ ރެކޯޑްތައް ބަލަހައްޓާ ފަރާތުން ބުނެ އެވެ.