މަޝްހޫރު ތަރިންނާއި ޝަހްސިއްޔަތުން އެމީހުންގެ ދިރިއުޅުމުގެ ވާހަކަތައް ސޯޝަލް މީޑިއާގައި އާއްމުކުރުމަކީ އާ ކަމެއް ނޫނެވެ. އެ މީހުންގެ އާއްމު ދިރިއުޅުމުގެ ކަންކަމުން ފެށިގެން ކައިބޮއި އުޅޭ އެއްޗެހީގެ މައުލޫމާތު ހިއްސާކުރުމަކީ ވެސް ކޮށްއުޅޭ ކަމެކެވެ.

އެގޮތުގެ މަތިން ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ޕަރިނީތީ ޗޯޕްރާ މިވަނީ އޭނާގެ ދިރިއުޅުމުގައި މުހިއްމު ބައެއް އަދާކުރާ އެއްޗެއްގެ ވާހަކަ ފޭނުންނާ ހިއްސާކޮށްފަ އެވެ. އެއީ އޭނާއަށް އެންމެ ކަމުދާ ބުއިމުގެ ގޮތުގައި މިދުވަސްވަރު ބޯ ގްރީން ޖޫސްގެ ވާހަކަ އެވެ.

މާޗް މަހުން ފެށިގެން އިންޑިއާއިން ބޭރުގައި އުޅެމުންދާ ޕަރިނީތީ ވަނީ ބުއިމަކާއެކު ތުރުކީގައި ނަގާފައިވާ ގިނަ ފޮޓޯތަކެއް މިދޭތެރެއިން ސޯޝަލް މީޑިއާގައި އާއްމުކޮށްފަ އެވެ.

އެ ބުއިމާ ބެހޭގޮތުން ސަޕޯޓަރަކު ސުވާލުކުރުމުން އޭނާ ބުނެފައިވަނީ އެއީ "ހަލްކް ޖޫސް" އެއް ނޫން ކަމަށާއި އެއީ ސްޕިނަޗް، ބީޓް ރޫޓް، މިންޓް، އޮރެންޖު އަދި ލުނބޯ ބޭނުންކޮށްގެން ތައްޔާރުކުރާ ބުއިމެއް ކަމަށެވެ.

މި ބުއިމަކީ އެނީމިއާއަށް އޮތް ރަނގަޅު ފަރުވާއެކެވެ. އަދި ހަށިގަނޑަށް ދަގަނޑުގެ ބާވަތްތައް ލިއްބައިދޭ ވިޓަމިން ސީ ގިނަ އަދަދަކަށް މި ބުއިމުގައި އެކުލެވޭއިރު ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމަށާއި އޮކްސިޖަން ދައުރުވުމަށް މި ބުއިމުން އެހީވެދެ އެވެ.

މީގެ އިތުރުން މިއީ ޑީޓޮކްސް ބުއިމަކަށް ވާތީ ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް ބޭރު ކޮށްދެ އެވެ. ނަތީޖާއަކަށް ވަނީ ހަންގަނޑު ސާފުވެ އޮމާންވުމެވެ.

ޕަރިނީތީ ޗޯޕްރާ ހިއްސާ ކޮށްފައިވާ ފޮޓޯއެއް

ޕަރިނީތީއަކީ އާއްމުކޮށް ދަތުރުކޮށް އުޅޭ ތަރިއެއް ނަމަވެސް، އޭނާގެ ޗުއްޓީތަކުގެ ފޮޓޯތައް އާއްމުނުކުރާ ކަމަށް އޭނާ ބުނެ އެވެ.

އޭނާގެ "ނިއު ފޭވަރިޓް ޑްރިންކް"ގެ ވާހަކައާއެކު ގިނަ ބަޔަކު ވަނީ އެފަދަ އެހެން ވާހަކަތައް ހިއްސާކޮށްދިނުމަށް އޭނާގެ ކިބައިން އެދިފަ އެވެ.