މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމް ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން ކުރި ސަސްޕެންޝަން ދޮޅު އަހަރެއްހާ ދުވަސްފަހުން އުވާލައިފި އެވެ.

މޯލްޑިވް ގޭހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޝަޒައިލްގެ މައްޗަށް ކުރި ކޮރަޕްޝަންގެ ތުހުމަތުތައް ސާބިތު ނުވާ ކަމަށް އޭސީސީ އިން އެ ކުންފުންޏަށް އަންގާފައިވާ ކަމަށާއި އެހެންކަމުން ޝަޒައިލްގެ ސަސްޕެންޝަން އުވައިލުމަށް ފަހު މިއަދުން ފެށިގެން ވަޒީފާގެ މަސްއޫލިޔަތުތައް ރުޖޫއަކޮށްފައިވާ ކަމަށެވެ.

ގޭހުގެ އެމްޑީ ޝަޒައިލް ސަސްޕެންޑް ކުރީ ކޮރަޕްޝަންގެ މައްސަލަތައް ރިޕޯޓް ކުރަން ރައީސް އޮފީހުން ގާއިމްކުރި ޕޯޓަލް އަށް ހުށަހެޅި ޝަކުވާތަކަކާ ގުޅިގެން އޮކްޓޯބަރު 15، 2019 ގަ އެވެ.

ކޮރަޕްޝަނާއި މަނީލޯންޑަރިންގެ މައްސަލަ ތަހުގީގު ކުރުމަށްފަހު ދައުވާ ކުރެވޭ ވަރަށް ހެކި ލިބިފައި ނުވާތީ އޭސީސީ އާއި ފުލުހުން ވަނީ މައްސަލަތައް ފައިލްކޮށްފަ އެވެ.

މި މައްސަލަތަކާއި ގުޅިގެން މީގެ ކުރިން ޝަޒައިލް ވިދާޅުވީ މައްސަލައެއް އޮތް ނަމަ އެކަމެއް ބަލައި ތަހުގީގު ކުރަން މަރުހަބާ ކިޔާ ކަމަށާއި ނަމަވެސް ތުހުމަތުކުރާ ފަދަ އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށެވެ.

އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ޝަޒައިލް ހުންނެވީ އެމްއާރްއެމްގެ ސްލޮޓެއްގަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ކޫއްޑޫ ފިޝަރީޒްގެ ޗެއާމަންކަމާއި ފިޝަރީޒް މިނިސްޓްރީއާއި ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަންވެސް ކުރައްވާފަ އެވެ.