މީޑިއާތަކަށް ފިޔަވަޅު އެޅީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނޫގެ ދަށުން މިނިސްޓަރަށް ލިބިފައިވާ ބާރުގެ ދަށުން ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.
ޖެންޑާ މިނިސްޓްރީއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ މީޑިޔާތަކަށް ފިޔަވަޅު އެޅީ 13 އަހަރުގެ ކުއްޖާގެ ހަބަރުތައް ގެނެސްދިނުމުގައި، ކުއްޖާގެ ކަރާމާތަށް އުނިކަން އަންނާނެ ގޮތަށް ޒާތީ މައުލޫމާތުތައް ހިމަނައި، ކަށަވަރު ނުކުރެވޭ ވާހަކަތަކެއް ހިމަނާފައިވާތީ ގާނޫނުން ލިބިގެންވާ ބާރުގެ ދަށުން ކަމަށެވެ.
ކުޑަކުދިންގެ ހަބަރު އާންމުކުރުމުގައި އެ ކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް، ޒާތީ މައުލޫމާތާއި ކުޑަކުދިންނާ ގުޅޭ މަޢުލޫމާތުތައް ކަށަވަރުނުކޮށް ހަގީގަތް ބެލުމެއް ނެތި، މީޑިއާގައި ދައުރު އަދާކުރަމުންދާ ކަމަށް ވެސް އެ މިނިސްޓްރީގެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ. އަދި މިފަދައިން އަމަލުކުރުމަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާ ހިލާފުކަމެއް ކަމަށް ތަކުރާރުކޮށް އަންގައި، ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް ކުޑަކުދިންނާއި ގުޅުންހުރި މައުލޫމާތުތައް އާންމު ނުކުރުމަށް އިލްތިމާސްކޮށްފައި ވާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ޖެންޑާ މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، އެ ކުދިންނަށް ރައްކާރެރިކަން ލިބިގެންވާ ހާއްސަ ފާހަގަކޮށް ބަޔާނުގައި ބުނެފައިވަނީ ކުޑަކުދިންގެ އެންމެހައި ހައްގުތަކާއި ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށާއި، ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރުމާއި ކުޑަ ކުއްޖެއްގެ ހައްގަކަށް އުނިކަމެއް އަންނަ ފަދައިން އަމަލުކުރާ ފަރާތްތައް އަދި ކުޑަ ކުއްޖެއްގެ ކަރާމާތައް އުނިކަމެއް އަންނަ ފަދައިން ޢަމަލުކުރާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމުގެ ފުރިހަމަ ބާރު އެ ގާނޫނުގެ ދަށުން ލިބިގެންވާ ކަމަށެވެ. އަދި އާންމު ގާނޫނުތަކާއި ހާއްސަ ގާނޫނުތަކާއި ހުރި ތަފާތަކީ ވަކިކަމަކަށް ހާއްސަ ކުރެވިގެން އެކުލަވާލާފައިވާ ގާނޫނުތަކުގެ ދަށުން ދީފައިވާ ބާރުތައް އެކަމުގެ ޒިންމާ ހަވާލުކޮށްފައިވާ ފަރާތަކުން ތަންފީޒުކުރެވޭނެ ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފަ އެވެ.
ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގައި ކުއްޖާ ހެދި ބޮޑުވުމަށް ބެނުންވާ ރައްކާތެރިކަމާއި އަޅާލުން، ކުއްޖާގެ ބެލެނިވެރިންގެ ފަރާތުންނާއި ކުއްޖާގެ ޢާއިލާގެ ފަރާތުންނާއި، މުޖުތަމަޢުގެ ފަރާތުންނާއި، ދައުލަތުގެ ފަރާތުން ލިބުމަކީ ކޮންމެ ކުއްޖަކަށް ލިބިގެންވާ ހައްގެއްކަން ބަޔާންކޮށްފައިވެ އެވެ. އަދި އެ ގާނޫނުގެ 33 ވަނަ މާއްދާގައި ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް، ކުޑަކުދިންގެ ޒާތީ މައުލޫމާތު އެއްވެސް ފަރާތަކުން އާއްމުކޮށްގެން ނުވާނެ ކަމަށް ބުނެފައިވެ އެވެ.
މީގެ އިތުރުން، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 53 ވަނަ މާއްދާއިން ކުޑަކުދިންގެ ހައްގުތަކަށް އުނިކަން ލިބޭ ގޮތަށް ވާހަކަ ދެއްކުމާއި، އެކުދިންގެ ހައްގުތަކަށް އުނިކަން ލިބޭފަދަ ކަންކަމަށް ހިތްވަރު ދިނުން މާނާވާނެ އެވެ. އަދި މިފަދައިން އެއްވެސް ފަރާތަކުން އަމަލުކޮށްފިނަމަ، އެކަން ތަހުގީގުކޮށް އެކަމުގެ ކުޑަ ބޮޑުމިނަށްބަލައި، ކުޑަކުދިންގެ ކަރާމާތައް ގެއްލުންވާ ފަދަ މައުލޫމާތު، މީޑިއާގައި އާންމު ކުރާނަމަ އެ މާއްދާއިން މިނިސްޓަރަށް ލިބިގެންވާ ބާރުގެ ދަށުން ފިޔަވަޅު އެޅޭނޭކަން ފާހަގަކޮށްފައިވެ އެވެ.
ޗައިލްޑް އެންޑް ޕްރޮޓެކްޝަން ގާނޫނުގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައި ހިމެނޭ ބައެއް މާއްދާތައް ހިމަނާފައިވެ އެވެ. އަދި އެ ބާރުގެ ދަށުން މީޑިއާތަކާއި މެދު ފިޔަވަޅު އެޅޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ޖެންޑާ މިނިސްޓްރީން ބަޔާނެއް ނެރުނީ އުމުރުން 13 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލާގައި މީޑިއާއެއް ޖޫރިމަނާ ކުރުމަށްފަހު ބައެއް މީޑިއާތަކަށް އެ މިނިސްޓްރީއިން ނެސޭހަތް ދީފައިވާތީ އެކަމާ މީޑިއާ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.
ޖެންޑާ މިނިސްޓްރީން މީޑިއާއެއް ޖޫރިމަނާއެއް ނުކުރެވޭނެ ކަމަށާއި އެއްވެސް މަސްވަރާއެއް ނެތި މީޑިއާތަކަށް އިންޒާރުގެ ސިޓީއެއް ނުފޮނުވޭނެ ކަމަށް އެކައުންސިލުން ވަނީ ބުނެފަ އެވެ.
ތޭރަ އަހަރުގެ ކުއްޖާގެ މަރުގެ މައްސަލައިގައި ބައެއް މީޑިއާތަކުން ވަނީ، ކުއްޖާއާއި ބެހޭ ގޮތުން ގޯސް އެތައް ވާހަކަތަކެއް ހިމަނައި ރިޕޯޓު ގެނެސްދީފަ އެވެ. އަދި އެފަދަ ރިޕޯޓުތަކުގައި ބައެއް ޒާތީ މައުލޫމާތާއި އެކު ހާދިސާ ހިނގުމަށް މެދުވެރިވެދާނެ ސަބަބުތައް ކަމަށް ބުނެ ކުއްޖާގެ މައްޗަށް ބޮޑެތި ތުހުމަތުތަށްކޮށްފައި ވެ އެވެ.
އެ މައްސަލައިގައި މީޑިއާ ކައުންސިލްގެ ފަރާތުން ވެސް ކަންބޮޑުވުން ފާޅުކޮށް، ކުއްޖާގެ ޒާތީ މައުލޫމާތު ހިއްސާ ނުކުރުމަށް މީޑިއާތަކަށް އިލްތިމާސް ކުރި އެވެ.
ޖެންޑާ މިނިސްޓްރީގެ ނައިބު، ފާތިމަތު ޔުމްނާ ސޮއި ކުރައްވާ، ފޮނުވި ސިޓީގައި ޖޫރިމަނާކޮށްފައި ވަނީ "އަވަސް" ނޫހެވެ. އެއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ 10 ވަނަ މާއްދާ އަދި 33 ވަނަ މާއްދާއާއި 53 ވަނަ މާއްދާއާ ހިލާފުވެފައިވާ ކަމަށް ބުނެއެވެ. އެހެންވެ އެ ގަވައިދުގެ 18 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަމަބަރުގެ ދަށުން އަވަސް 2،000 ރުފިޔާއިން ޖޫރިމަނާ ކުރީ އެވެ. އަދި އިންޒާރުގެ ސިޓީ ފޮނުވާފައިވަނީ "ވަން އޮންލައިން" އާއި، "ވަގުތު" އަދި "އަދަދު" ނޫހަށެވެ.
ރާއްޖޭގައި މީޑިއާތަކުން ގެނެސްދޭ ވަކި ވަކި ހަބަރުތަކާއި، ރިޕޯޓުތަކުގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ގާނޫނީ ބާރު ލިބިފައިވަނީ މީޑިއާތަކުގެ ބެލެނިވެރި ފަރާތް މީޑިއާ ކައުންސިލަށާއި ބްރޯޑްކާސްޓިން ކޮމިޝަނަށެވެ.
އުމުރުން 13 އަހަރުގެ ކުއްޖަކު ރަހީނުކޮށް އެ ކުއްޖާ މަރާލި މައްސަލައިގައި ބައެއް މީޑިއާތަކުން ހަބަރުތައް ގެނެސްދޭ ގޮތާއި މެދު ރައްޔިތުންގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާރ ކޮމިޓީން ވެސް ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. އަދި އެ މައްސަލައިގައި މީޑިއާ ކައުންސިލާއި އަދި ބްރޯޑްކޮމްއާއި ބައްދަލު ކުރުމަށް ކޮމިޓީން ވަނީ ނިންމާފަ އެވެ.
ފިޔަވަޅު އަޅަންވީ ނޫސްވެރިންނަކަށް ނޫން. މި ނާޤާބިލު ޖެންޑާ މިނިސްޓަރަށް.