ވޮޝިންޓަން (23 ޖޫން) - ކޮވިޑް -19ގެ ބަލިމަޑުކަމުން އަރައިގަނެވޭނެ އުކުޅުތައް އެ ގައުމުގައި އެބަހުރި ކަމަށް އެމެރިކާއިން ބުނެފި އެވެ.
އެމެރިކާގެ ސެންޓާ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ)ގެ ޑިރެކްޓާ ޑރ. ރޮޝޭލް ވެލަންސްކީ ވިދާޅުވީ 12 އަހަރުން މަތީގެ ހުރިހާ އެންމެންނަށް ވެކްސިން ޖެހުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށާއި އާއްމު ރައްޔިތުން ޖެހޭނީ މި ފުރުސަތުގެ ފައިދާ ނަގަން ކަމަށެވެ. އަދި މި ވެކްސިންތަކަކީ ބަލިމަޑުކަމާ ދެކޮޅަށް ބޮޑު ރައްކާތެރިކަމެއް ލިބިދޭ ފަރުވާއެއް ކަމުން ވެކްސިން ޖަހައިގެން އެ ގައުމުގައި ކޮވިޑް -19ގެ ސަބަބުން މަރުވާ މީހުންގެ އަދަދު ބޮޑުތަނުން ދަށް ކުރެވިދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓް އެލާޖީ އެންޑް އިންފެކްޝަސް ޑިޒީސްގެ ޑިރެކްޓާ ޑރ. އެންތަނީ ފައުޗީ ވިދާޅުވީ އެ ގައުމުގައި ކޮވިޑް -19ގެ ސަބަބުން މަރުވާ މީހުންގެ ބޮޑު ޕަސެންޓަކީ ވެކްސިން ނުޖަހާ މީހުން ކަމަށެވެ.
މިދިޔަ ބުދަ ދުވަހާ ހަމައަށް އެމެރިކާގެ ބޮޑެތި މީހުންގެ އާބާދީގެ 65.6 ޕަސެންޓަށް ވަނީ މަދުވެގެން ވެކްސިންގެ އެއްޑޯޒް ދީފަ އެވެ.
ވެކްސިން ނުޖަހާ މީހުން ގިނަ ސަރަހައްދުތަކުގައި ކޮވިޑް -19ގެ މާނުރައްކާތެރި ވޭރިއަންޓެއް ކަމަށްވާ ޑެލްޓާ ވޭރިއަންޓް ހަލުވިކަމާއެކު ފެތުރެމުންދާ ކަމަށް ޑރ. ފައުޗީ ވިދާޅުވި އެވެ.
އެމެރިކާގެ ވެކްސިން ހައްގުވާ އާބާދީގެ 75 ޕަސެންޓަށް ވެކްސިން ދެވިއްޖެ ނަމަ، އެ ގައުމުގައި އެ ބަލިމަޑުކަމުގެ ނުރައްކާ ވަރަށް ކުޑަވެ، މަރުވާ މީހުންގެ އަދަދު ވެސް އިންތިހާއަށް ދަށަށް ދާނެ ކަމަށް ފައުޗީ ވިދާޅުވި އެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް އެ ގައުމުގެ ވެކްސިން ހައްގުވާ އާބާދީގެ 70 ޕަސެންޓް މީހުންނަށް ވެކްސިން ދޭން އަމާޒު ކަނޑައަޅުއްވާފަ އެވެ. -- ސީއެންއެން