ބަޣުދާދު (10 ޖުލައި) - ގެއްލިގެން ހޯދަމުން ދިޔަ އިރާގުގެ ނޫސްވެރިއެއް އަދި އެކްޓިވިސްޓެއްކަމަށްވާ އަލާ އަލް މިގްދާމް އެ ގައުމުގެ ދިފާއީ ބާރުތަކުން ހޯދާފައިވާ ކަމަށް ރިޕޯޓް ތައް ބުނެފި އެވެ.
މިދިޔަ ހުކުރު ދުވަހު ބަޣުދާދުގެ ކަރާޑާ އޭ ކިޔުނު ހިސާބުން އިންޒާރުތަކަކަށްފަހު ކިޑްނެޕްކުރި މިގްދާމް މިހާރު ވަނީ ސަލާމަތްކޮށްގެން ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށް އެ ގައުމުގެ އިދާރާތަކުން ބުނެ އެވެ.
ހުކުރު ދުވަހު މިގްދާމް ގެއްލުމާއެކު އޭނާ ހޯދުމަށް ގޮވާލާ ސޯޝަލް މީޑިއާގައި ވަނީ ބޮޑު ކެމްޕެއިންއެއް ހިންގައިފަ އެވެ.
މިކްދާމް އަކީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އިރާގުގައި ކުރިއަށް ދިޔަ ދާޚިލީ ހަމަނުޖެހުންތަކުގައި އަނިޔާވި މީހުންނަށް އަވަސް ފަރުވާ ދިނުމަށް ހަރަކާތްތެރި ފަރާތެކެވެ.
ގާތްގަނޑަކަށް 600 މީހުން މަރުވެ 30،000 އަށްވުރެ ގިނަ މީހުން ޒަހަމްވި މި ހަމަނުޖެހުންތަކަކީ އެ ގައުމުގެ ސަރުކާރު ފެއިލް ވެފައިވާ ކަމަށް ބުނެ ހިންގި ހަމަނުޖެހުންތަކެކެވެ.
މީގެ އިތުރުން އިރާގުގައި ހަރަކާތްތެރިވާ އީރާނުން ވާގިދޭ ފަރާތްތައް އެ ގައުމުން ބޭރު ކުރުމަށް އެންމެ ބޮޑަށް އަޑު އުފުލި އެކަކީ ވެސް މިގްދާމް އެވެ.
އޭނާ ގެއްލުނުކަން މިދިޔަ ހުކުރު ދުވަހު އާއްމުކުރީ އެ ގައުމުގެ އެހެން ނޫސްވެރިއަކު ކުރި ޓްވީޓަކުންނެވެ.
މިގްދާމް ކިޑްނެޕްކުރުމުގެ ފަހަތުގައިވާ މީހުން ހޯދާ އިންސާފުގެ ކުރިމައްޗަށް ގެންއުމަށް އިރާގުގެ ބޮޑު ވަޒީރު ވައުދުވެފައިވާއިރު މި ހާދިސާގެ އިތުރު ތަހުގީގުތައް ދަނީ ކުރިއަށެވެ. -- އަލް އަރަބިއްޔާ