ވޮޝިންޓަން (14 ޖުލައި) - އެމެރިކާގައި ކޮވިޑް -19 ފެތުރުން މަޑުޖެހިފައި އޮތުމަށްފަހު، އަނެއްކާ ވެސް އިތުުރުވާން ފަށާފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

އެގޮތުން ފާއިތުވި ތިން ހަފްތާއަށް ބަލާއިރު އެ ގައުމުގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދެގުނައަށް އިތުރުވެފައިވާ ކަމަށް އެ ގައުމުގެ އިދާރާތަކުން ބުނެ އެވެ.

ބަލި ޖެހުނު މީހުން މިހާ ބޮޑަށް އިތުރުވުމަށް މެދުވެރިވި މައިގަނޑު ސަބަބެއް ކަމަށް އޮފިޝަލުން ދެކެނީ ހަލުވިކަމާއެކު ފެތުރޭ ކޮވިޑްގެ ޑެލްޓާ ވޭރިއަންޓް އެ ގައުމުގައި ފެތުރެމުންދާތީ އެވެ. މީގެ އިތުރުން ޖުލައި މަހުގެ ހަތަރުވަނަ ދުވަހު ފާހަގަކުރި އެމެރިކާގެ މިނިވަން ދުވަހުގެ ބޭއްވުނު އެއްވުންތަކުގެ ސަބަބުން ވެސް ކޮވިޑް އިތުރަށް ފެތުރިފައިވާ ކަމަށް މާހިރުން ބުނެ އެވެ.

އެމެރިކާގައި ދުވާލެއްގެ މައްޗަށް ކޮވިޑްގެ ކޭސްތައް ފެންނަ މިންވަރު މިމަހު 23،600 ގައި އުޅޭއިރު، މިދިޔަ މަހު އެ އަދަދު އުޅުނީ 11،300ގަ އެވެ.

ކޮވިޑްގެ ކޭސްތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި ގައުމުގެ އެކި ހިސާބުތަކުގައި ވެކްސިނާ ދެކޮޅު ކެމްޕެއިންތަކެއް ވެސް އަންނަނީ ހިނގަމުންނެވެ. އެ ގައުމުގެ އާބާދީގެ 55.6 ޕަސެންޓަށް މަދުވެގެން ކޮވިޑް ވެކްސިންގެ އެއް ޑޯޒް ދެވިފައި ވާކަމަށް ސެންޓާ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ)ން ބުނެ އެވެ.

މިއާއެކު އެ ގައުމުގެ އެކި ހިސާބުތަކުގައި ކޮވިޑާ ގުޅިގެން ފިޔަވަޅުތައް އަންނަނީ ވަރުގަދަ ކުރަމުންނެވެ. މާސްކު ނާޅާ އުޅުން ހުއްދަކޮށްފައި އޮތް ސަރަހައްދުތަކުގައި އަލުން މާސްކް އެޅުމަށް ވަނީ އަންގާފަ އެވެ. މީގެ އިތުރުން ދަތުރުފަތުރުކުރުން ކޮންޓްރޯލް ކުރުމަށް ބައެއް ސްޓޭޓްތަކުގައި ކަރަންޓީނުގެ އުސޫލުތައް ވެސް ވަނީ ކަނޑައަޅާފަ އެވެ.

އެމެރިކާގައި ކޮވިޑްގެ ކޭސްތައް އަލުން އިތުރުވާން ފަށާފައިވުމާއެކު އެ ގައުމުގެ ސަރުކާރުން ވަނީ ވެކްސިން ޕްރޮގަރާމްތައް ފުޅާކޮށް، ހައި ރިސްކް ކެޓެގަރީގައި ހިމެނޭ އާބާދީއަށް ވަގުތުން ވަގުތަށް ވެކްސިން ދިނުމުގެ ކެމްޕެއިނެއް ވެސް ފަށާފަ އެވެ. -- ޗެނަލް ނިއުސް އޭޝިއާ