ކުރީގެ މިނިސްޓަރު އަބްދުﷲ ކަމާލުއްދީން ޕާޓީއެއް އުފެއްދުމަށް ހުށަހެޅި ފޯމް އިލެކްޝަން ކޮމިޝަނުން ބާތިލުކޮށްފި އެވެ.
އިލެކްޝަން ކޮމިޝަނުން ކުރި ޓުވީޓްގައި ބުނެފައިވަނީ ކަމާލުއްދީން ހުށަހެޅުއްވި ފޯމް ބާތިލުކުރީ، ޕާޓީއެއް އުފެއްދުމަށް ހުށަހަޅާ ފަރާތުގެ ހުންނަން ޖެހޭ ޝަރުތުތައް ފުރިހަމަ ނުވާތީ ކަމަށެވެ. ނަމަވެސް އޭގެ އިތުރު ތަފްސީލެއް އިލެކްޝަން ކޮމިޝަނުން ނުބުނެ އެވެ.
އެކަމަކު ޕީއެސްއެމް އިން ބުނެފައި ވަނީ އެ ފޯމް އިލެކްޝަންސް އިން ބާތިލުކުރީ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުމް)ގެ މެމްބަރެއްގެ ގޮތުގައި ހުންނެވުމުގެ ސަބަބުން ކަމަށެވެ.
އިލެކްޝަން ކޮމިޝަންގެ ނާއިބު ރައީސް އިސްމާއިލް ހަބީބު ޕީއެސްއެމްއަށް ވިދާޅުވެފައި ވަނީ އިލެކްޝަނަށް ޕާޓީއެއް އުފައްދަވަން ހުށަހަޅުއްވާއިރު، ހުށަހަޅުއްވާ މީހާއަކީ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީއެއްގައި ހުރި މީހަކަށް ވެގެން ނުވާނެ ކަމަށެވެ. އަދި ކަމާލުއްދީން ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވީ މިމަހުގެ 11 ވަނަ ދުވަހު ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.
ރައީސް މައުމޫން ދައުރުގައި މިނިސްޓަރުކަން ކުރެއްވި އަބްދުﷲ ކަމާލުއްދީން ހުށަހެޅުއްވީ ގައުމީ އެއްބައިވަންތަކަމުގެ ޕާޓީގެ ނަމުގައި ޕާޓީއެއް އުފެއްދެވުމަށެވެ.
ކަމާލުއްދީން އެންމެ ފަހުން ހުންނެވީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރްއެމްގަ އެވެ.
އަމިއްލަ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަކަން ހާމަކުރައްވަމުން ކަމާލުއްދީން ވިދާޅުވީ އާ ގާނޫނުއަސާސީގެ ދަށުން ރައްޔިތުން ބާރުވެރިކޮށް، ދައުލަތުގެ ބާރުތައް ވަކިކޮށްފައިވީ ނަމަވެސް ގައުމުގައި ހައްލު ނުކުރެވި ހުރި އެތައް މައްސަލަތަކެއް އެބަހުރި ކަމަށެވެ.
ކަމާލުއްދީންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވެސް ވަނީ އަމިއްލަ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވައި، 3،000 ސޮއި ހަމަކުރައްވައިފަ އެވެ.
ރާއްޖޭގައި މިހާރު 10 ސިޔާސީ ޕާޓީ ހިންގާއިރު އެންމެ ފަހުން ރަޖިސްޓަރީ ކުރީ މައުމޫންގެ އެމްއާރުއެމްއެވެ. އެއީ ރަޖިސްޓަރީ ކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ.