ބޮލީވުޑްގައި ފައިތިލަ ސާބިތުކުރަމުން އަންނަ މަޝްހޫރު ތަރިއެއް ކަމަށްވާ ތާޕްސީ ޕަންނޫ އޭނާގެ އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް އުފައްދައިފި އެވެ.

ތާޕްސީ އޭނާގެ އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް އުފެއްދިކަން އިއުލާންކުރުމުގެ ގޮތުން އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ބުނެފައިވަނީ ބޮލީވުޑްގައި ކާމިޔާބީތަކެއް ލިބިފައިވާކަމަށާ މިއީ އާ ސޮފުހާއެއް ހުޅުވާލަންވީ ވަގުތު ކަމަށެވެ.

"އިންޑިއަން ފިލްމު އިންޑަސްޓުރީއަށް ނުކުންތާ ދިހަ އަހަރުވާން ކައިރިވެފައިވާއިރު، މި ދާއިރާއަށް ނުކުތީ ކާމިޔާބު ވާނެކަމުގެ އެއްވެސް ޔަގީންކަމެއް އޮވެގެނެން ނޫން. މިހާ ހިސާބަތް އަންނާނެކަމުގެ އުއްމީދެއް ވެސް ނުކުރަން. ތަރުހީބެއް ލިބިދާނެ ކަމަށް ނުވިސްނާ ނުކުތް ނަމަވެސް އަހަރެންގެ މަސައްކަތައްކުރި އިތުބާރާ ލިބުނު ލޯބި ދުވަހަކު ވެސް ހަދާން ނުނެތޭނެ. މިހާރު މި އޮތީ އޭގެ ބަދަލު ދޭންވީ ވަގުތު. ހަޔާތުގެ އިތުރު ސޮފްހާއެއް ހުޅުވާލާއިރު މި ކަމުގައި ވެސް އެންމެންގެ ތާއީދާއި ލޯބި ވަރަށް ބޭނުން،" ތާޕްސީ ބުންޏެވެ.

އިތުރަށް އޭނާ ލިޔެފައިވަނީ އަމިއްލަ ޕްރޮޑަކްޝަން ހައުސް "އައުޓްސައިޑާސް ފިލްމްސް" ގެ ޕްރޮޑިއުސަރެއް ގޮތުގައި ކުރިއަށް ފިޔަވަޅު އެޅި ވާހަކަ އެވެ.

ޓާޕްސީ ބުނީ ބޮލީވުޑްގައި އަދިވެސް ބޭރުން އައި މީހެއް ގޮތުގައި އިހުސާސްވާ ކަމަށެވެ. ޑައިރެކްޓަރު ސުވަރޫޕްގެ ފިލްމު "މިޝަން އިންޕޮސިބަލް" އަށް ތާޕްސީ އެނބުރި ޓޮލީވުޑަށް ދާނެ އެވެ.