ކަލާސް ޓީވީން ގެނެސްދޭ ރިއަލިޓީ ޝޯ ބިގްބޮސްއަކީ އިންޑިއާގެ އިތުރުން ދިވެހިންގެ މެދުގައި ވެސް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޝޯއެކެވެ. އެންމެ ގިނަ ބަޔަކު އަބަދުވެސް އިންތިޒާރުކުރާ އެއް ޝޯއަކީ ބިގްބޮސް އެވެ.

ދާދި ފަހުން މިވަނީ ބިގްބޮސް ގެ ސީޒަން 15 އަންނަން އުޅޭކަމުގެ ހަބަރު އިވިގެން ގޮސްފަ އެވެ. ނަމަވެސް މިފަހަރު ޓީވީގައި ޕްރިމިއާ ކުރުމުގެ ކުރިން ބިގްބޮސް 15 ޕްރިމިއާ ކުރަން ހަމަޖެހިފައިވަނީ އޯޓީޓީ ޕްލެޓްފޯމް ވޫޓްގަ އެވެ. އަދި މިފަހަރުގެ ޝޯ އިތުރަށް ހާއްސަ ވެގެންދަނީ ޝޯގެ އޯޓީޓީ ހޯސްޓަކަށް އިންޑިޔާގެ މަޝްހޫރު ފިލްމު ޑައިރެކްޓަރު ކަރަން ޖޯހަރް ހަމަޖައްސާފައި ވުމުންނެވެ.

ބިގްބޮސް 15 ގެ ޕްރޮމޯ އާންމު ކޮށްފައިވަނީ ދާދި ފަހުންނެވެ.

މި ޝޯ ފަށަން ހަމަ ޖެހިފައިވަނީ އަންނަ އޮގަސްޓު މަހުގެ 8 ވަނަ ދުވަހު އެވެ. ކަރަން ހޯސްޓު ކުރާނީ ބައެއް އެޕިސޯޑްތައް ކަމަށާއި ކުރިއެކޭ އެއްގޮތަށް ޝޯގެ މެއިން ހޯސްޓަކީ ސަލްމާން ޚާން ކަމަށް ވަނީ ބުނެފަ އެވެ.

ޝޯއާ ގުޅޭގޮތުން ކަރަން ޖޯހަރް ބުނީ ކަރަން އާއި އޭނާގެ މަންމައަކީ ބިގްބޮސްގެ ވަރަށް ބޮޑު ސަޕޯޓަރުންތަކެއް ކަމަށާއި މި ޝޯ ހޯސްޓް ކޮށްލަން ލިބުމަކީ އޭނާގެ މަންމަގެ ހުވަފެން ހަގީގަތަކަށްވުން ކަމަށެވެ. އަދި ޝޯ ހޯސްޓުކުރުމަށް އޭނާ ވަނީ ކެތްމަދުވެފައި ކަމަށް ވެސް ކަރަން ބުނެފައިވެ އެވެ.