ކުއަލަލަމްޕޫރު (25 ޖުލައި) - މެލޭޝިއާގެ ކޮވިޑް -19ގެ ހާލަތު އިތުރަށް ގޯސްވަމުންދާ ކަމަށް އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

އެގޮތުން އިއްޔެ އެކަނި އެ ގައުމުން 17،045 ކޮވިޑް ކޭސް ފެނިފައިވާއިރު، މިއީ ޖެހިޖެހިގެން ރެކޯޑު އަދަދަކަށް އެ ގައުމުން ކޮވިޑް ކޭސްތައް ފެނުނު ތިންވަނަ ދުވަހެވެ.

އޭގެ ކުރީ ދެ ދުވަހުގެ ކޭސްތައް 15،000 ގައި އުޅުމަށްފަހު އިއްޔެގެ އަދަދުތަކާއެކު އެ ގައުމުން ފެނުނު ކޮވިޑު ކޭސްތަކުގެ ޖުމްލަ އަދަދު ވަނީ 1.01 މިލިއަނަށް ވުރެ މައްޗަށް އަރާފަ އެވެ.

ވެރިރަށް ކުއަލަލަމްޕޫރާއި އެންމެ އާާބާދީ ބޮޑު ސަލަންގޯރު ހިމެނޭ ކެލާންގް ވެލީ ސަރަހައްދުން ގިނަ ކޭސްތައް ފެނިފައިވާއިރު، އެ ސަރަހައްދުގެ ޖުމްލަ ކޭސްތަކުގެ އަދަދު އުޅެނީ 10،500 އަށްވްރެ މަތީގަ އެވެ.

މެލޭޝިއާގައި ލޮކްޑައުންގެ ފިޔަވަޅުތައް އަޅާފައި އޮންނަތާ ތިންމަހަށް ވުރެ ގިނަ ދުވަސްވެފައި ވީނަމަވެސް އެ ގައުމުގެ ކޭސްތައް އަންނަނީ އިންތިހާއަށް ގިނަވަމުންނެވެ.

މާހިރުން ގަބޫލުކުރައްވާ ގޮތުގައި ހާލަތު މިހާ ގޯސްވުމަށް މެދުވެރިވީ ހަލުވިކަމާއެކު ފެތުރޭ ޑެލްޓާ ވޭރިއަންޓް އެ ގައުމުގައި ފެތުރެން ފެށުމުންނެވެ. އެ ގައުމުގެ ހޮސްޕިޓަލްތައް ފުރި، ޓޫރިސްޓް ހޮޓާތައް ކޮވިޑް ފެސިލިޓީތަކުގެ ގޮތުގައި ބޭނުންކުރަން ފަށާފައިވާއިރު މާހިރުން ވަނީ ސިއްހީ ދާއިރާއަށް ނުކަތައިގެން ހިނގާދާނެކަމުގެ އިންޒާރު ދީފަ އެވެ.

އެގައުމުގައި ކޮވިޑްގެ ހާލަތު ގޯސްވެފައިވާ ދަނޑިވަޅެއްގައި އިދިކޮޅު ފަރާތްތަކުން ވަނީ ސަރުކާރުން ގެންގުޅުނު ކޮވިޑް ސިޔާސަތުތަކާ ދެކޮޅަށް ފުލުހުންނަށް މައްސަލަ ހުށަހަޅާފަ އެވެ.

މެލޭޝިއާގެ ބޮޑެތި މީހުންގެ 23 ޕަސެންޓަށް ކޮވިޑް ވެކްސިން ދެވިފައިވާއިރު، ކެލަންގް ވެލީ ސަރަހައްދުގެ ބޮޑެތި މީހުންނަށް އަންނަ މަސް ނިމެންވާއިރަށް ވެކްސިންދީ ނިންމަން ސަރުކާރުން ވަނީ އަމާޒު ހިފާފަ އެވެ. -- ދަ ސްޓްރެއިޓްސް ޓައިމްސް