އޮސްޓްރޭލިއާ ސަރުކާރުން 3.5 ޓަނުގެ ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް، ޕީޕީއީ ސާމާނު ރާއްޖެއަށް ހަދިޔާކޮށްފި އެވެ.

ސްރީލަންކާގައި ހުންނަ އޮސްޓްރޭލިއާ ހައިކޮމިޝަންގައި ބޭއްވި ރަސްމިއްޔާތެއްގައި ތަކެތި ރާއްޖެއާ ހަވާލުކޮށްދީފަ އެވެ. ރާއްޖޭގެ ފަރާތުން އެހީއާ ހަވާލުވެވަޑައިގެންނެވީ ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައިވާ ސަފީރު އުމަރުއަބްދުލް ރައްޒާކެވެ.

ލަންކާގައި ހުންނަ އޮސްޓްރޭލިއާ ހައިކޮމިޝަނުން ބުނީ ރާއްޖެއަށް ހަދިޔާކުރި މި ތަކެއްޗަކީ ކޮވިޑް-19 އާ ދެކޮޅަށް ކުރީ ސަފުގައި ހަރަކާތްތެރިވާ ޚިދުމަތްތެރިންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކުރާ މަސައްކަތުގައި އެހީތެރިވުމަށް ހަދިޔާކޮށްފައިވާ ސާމާނުތަކެއް ކަމަށެވެ.

ކޮވިޑުން އަރައިގަތުމަށް ކުރާ މަސައްކަތުގައި އެހީތެރިވުމަށް އެ ގައުމުން ރާއްޖެއަށް މިހާތަނަށް ގާތްގަނޑަކަށް ނުވަ މިލިއަން ރުފިޔާގެ އެހީ ފޯރުކޮށްދީފައިވާ ކަމަށް ވެސް ހައިކޮމިޝަނުން ބުންޏެވެ.

މީގެ ތެރޭގައި ޕީޕީއީ ސާމާނު ހަދިޔާކުރުމާއި، ކުރީ ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ކެޕޭސިޓީގެ އިތުރުކުރުމާއި، އަންހެނުންނާއި އަންހެން ކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމާ ގުޅުންހުރި އެހީތެރިކަން ފޯރުކޮށްދީފައިވާކަން ފާހަގަކޮށްފައިވެ އެވެ.

އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއަށް 3.5 ޓަނުގެ ޕީޕީއީ ސާމާނު ހަދިޔާކޮށްފައި ވާތީ، ދިވެހި ސަރުކާރުގެ ނަމުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ޚާއްސަ ޝުކުރެއް ދަންނަވާފަ އެވެ.

އޮސްޓްރޭލިއާ ސަރުކާރުން ވަނީ މިދިޔަ އަހަރުވެސް، 120,000 ޑޮލަރުގެ އަގުހުރި ޕީޕީއީ ރާއްޖެއަށް ހަދިޔާކޮށްފަ އެވެ.