ބޮލީވުޑްގެ ގިނަ ފިލްމުތަކަށް މިއުޒިކް ހަދާދީފައިވާ އޭއާރް ރަހްމާން އަކީ ކާކުކަން ނޭނގޭ ކަމަށް ސައުތުގެ ސުޕަ ސްޓާރު ނަންދަމުރި ބާލަކުރިޝްނާ ބުނެފި އެވެ.
ޓެލެގޫ ނިއުސް ޗެނަލްއަކަށްދިން އިންޓަވިއުއެއްގައި ސައުތުގެ ސުޕަ ސްޓާރު ބާލަކުރިޝްނާ ބުނީ އޭއާރް ރަހުމާންއަކީ ކާކުކަން ނޭނގޭ ކަމަށެވެ. އަދި އޮސްކާ އަދި އިންޑިއާގެ އެންމެ ބޮޑު ގަދަރުވެރި އެވޯޑް ބާރަތް ރަތްނާއަކީ ވެސް އޭނާ ކުރިމަތީގައި އެއްވެސް އަގެއް ހުރި އެއްޗެއް ނޫން ކަމަށް ވެސް ވަނީ ބުނެފަ އެވެ.
1993 އަހަރު ބާލަކްރިޝްނަގެ ނިކުތް ފިލްމު "ނިއްޕު ރައްވާ"ގެ މިޔުޒިކް ހަދާފައި ވަނީ އޭއާރް ރަހްމާން އެވެ. 61 އަހަރުގެ އެކްޓަރުގެ 40 އަހަރުގެ ދިގު ކެރިއަރުގައި މިހާތަނަށް 100 އަށް ވުރެ ގިނަ ޓެލުގޫ ފިލްމުގައި ވަނީ މަސައްކަތްކޮށްފަ އެވެ.
ބާލަކުރިޝްނާ އިތުރަށް ބުނީ އެވޯޑުތަކަކީ އޭނާގެ މަރުވެފައިވާ ބައްޕަ ކުރިމަތީ އެއްވެސް އަގެއް ހުރި އެއްޗެއް ނޫން ކަމަށާއި ހުރިހާ އެވޯޑުތަކަކީ އޭނާގެ ފަޔަށްވުރެ ވެސް ދަތް ފެންވަރުގެ އެއްޗެއް ކަމަށް ސިފަ ކޮށްފައިވެ އެވެ. އެއްވެސް އެވޯޑެއް އޭނާ އަދި އޭނާގެ އާއިލާއިން ޓެލުގޫ ފިލްމު އިންޑަސްޓްރީގައި ކޮށްދީފައިވާ މަސައްކަތުގެ އަގު ނުދެވޭނެ ކަމަށެވެ. މި އިންޓަވިއުގައި ބާލަކުރިޝްނާ ވަނީ އޭނާގެ މަސައްކަތާ ހޮލީވުޑްގެ ޑައިރެކްޓަރު ޖޭމްސް ކެމަރޮންއާ އަޅާކިޔާފަ އެވެ.
"އަހަރެން ބޭނުން ވަނީ އަވަހަށް ޝޫޓިން ނިންމަން ހޮލީވުޑްގެ ފިލްމު އުފެއްދުންތެރިޔާ ޖޭމުސް ކެމަރޮން ފިލްމެއް ނިންމަން އަހަރެއް ނެގިޔަސް. އަހަރެއް މަސައްކަތްކުރާ ގޮތުން ގިނަ ފިލްމުތައް ކުޅެވި ހިޓް ގިނަ ފިލްމުތައް ވެސް ދެވޭ،" ބާލަކުރިޝްނާ ބުންޏެވެ.
ނަންދަމުރި ބަލާކުރިޝްނާގެ ކޮންޓުރަވަސީތައް ވަނީ މީގެ ކުރިން ވެސް މީހުންގެ ސަމާލުކަމަށް އައިސްފަ އެވެ. އޭނާއަކީ މީހުންގެ މޫނުމަތީ އެތައް ފަހަރަކު ޖަހާފައިވާ އެކްޓަރެކެވެ. އޭގެ ތެރޭގައި ސަޕޯޓަރުން ވެސް ހިމެނެ އެވެ. މިވަގުތު ބާލަކުރިޝްނާ ދަނީ ޑައިރެކްޓަރު ބޮޔަޕަތީ ޝުރިނުގެ އަކަންޑާ ފިލްމުގެ ޝޫޓް ކުރަމުންނެވެ.