ބިގްބޮސްގެ މިފަހަރު ގެ ސީޒަންގައި ބައިވެރިން ބައިތިއްބަން ހަމަޖެހިފައިވާ ގޭގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ލީކުކޮށްލައިފި އެވެ.

މުމްބާއީގެ ގޮރެގާއޯގެ ފިލްމު ސިޓީގައި ހަދަމުންދާ މި ސެޓްގައި މިހާރު ކުރަމުންދަނީ އެންމެ ފަހުގެ މަސައްކަތްތަކެވެ.

ގާތްގަނޑަކަށް 50 މަސައްކަތްތެރިން ބައިވެރިވެގެން ހަދަން ފެށި، މި ސެޓުގެ މަސައްކަތްތައް އެއްކޮށް ނިމި މިމަހުގެ ހަވަނަ ދުވަހަށް ސެޓް މުޅިން ރެޑީވާނެ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުންޏެވެ.

ބިގްބޮސްގެ އޯޓީޓީ ހޯސްޓްކުރުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ މަޝްހޫރު ފިލްމު ޑައިރެކްޓަރު ކަރަން ޖޯހަރް އެވެ. ބިގްބޮސް ސީޒަން 15ގެ އޯޓީޓީ ޕްރިމިއާކުރަން ހަމަޖެހިފައި ވަނީ މިމަހުގެ 8 ގަ އެވެ.

އެންމެ ގިނަ ބަޔަކު އަބަދުވެސް އިންތިޒާރުކުރާ އެއް ޝޯއަކީ ބިގްބޮސް އެވެ. ބިގްބޮސްގެ މިފަހަރުގެ ބައިވެރިންނަކީ ކޮންބައެއްތޯ ބަލަން ގިނަ ބަޔަކު ދަނީ އިންޒާރުކުރަމުންނެވެ.

ބިގްބޮސް 15 ގައި ބައިވެރިވާ ހުރިހާ ބައިވެރިންގެ ނަން އަދި ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް އިންޑިއަން ޓެލެވިޒަން އެކްޓަރު އަރްޖުން ބިޖްލާނީ މި ޝޯގައި ބައިވެރިވާކަން މިހާރު މިވަނީ ޔަގީންވެފަ އެވެ. އެހެންވެ އަރްޖުން ވެފައި ވަނީ ބިގްބޮސް 15ގެ ފުރަތަމަ ބައިވެރިއާއަށެވެ.

އަރްޖުންގެ އިތުރުން ދެން ބިގްބޮސް 15ގައި މިފަހަރު ފެންނާނެ ތަރިން ކަމަށް އަޑުފެތުރިފައިވާ ތަރިންގެ ތެރޭގައި އަދިތިޔާ ނާރަޔާން، ރެހާ ޗަކްރަބަތީ، އަދާ ޚާން، ތޭޖަސްވީ ޕްރަކާޝް، ޖެނިފާ ވިންގެޓް އަދި ނިއާ ޝަރްމާ ހިމެނެ އެވެ.