ރޯ ކާނާ ހިމެނޭ ޑައިޓެއް ބޭނުން ކުރުމަކީ އޭގެ އެތައް ގިނަ ފައިދާތަކެއް ލިބިދޭ ކަމެކެވެ. މޭވާއާއި ތަރުކާރީ އާއްމުކޮށް ހިމެނޭ މި ޑައިޓުގައި އެކުލެވޭ ބާވަތްތަކަކީ އެ ބާވަތްތައް ކައްކައިގެން ބޭނުން ކުރުމުގެ ބަދަލުގައި ރޮލަށް ބޭނުން ކުރުމުން މާ ގިނަ ފައިދާ ލިބޭ ބާވަތްތަކެކެވެ.
ފިޔާ
ދިވެހިންގެ ތެރޭގައި އާއްމުކޮށް ފިޔާ ބޭނުންކުރެވެނީ ކެއްކުމުގައި ނަމަވެސް ސެލެޑެއްގެ ގޮތުގައި ރޮލަށް ފިޔާ ކެއުމަކީ އޭގައި ހިމެނޭ ބާރުގަދަ އެންޓި އޮކްސިޑެންޓްސްގެ ސަބަބުން ލޭގެ ޕްރެޝަރު ކޮންޓްރޯލްކޮށް ހިތުގެ ބަލިތަކުން ދުރުކޮށްދޭ އެއްޗެކެވެ.
ބްރޮކޮލީ
ބްރޮކޮލީއަކީ ސިއްހަތަށް އެންމެ ފައިދާހުރި ތަރުކާރީގެ ތެރޭގައި ހިމެނޭ ބާވަތެކެވެ. އެންޓި އޮކްސިޑަންޓްސްއާއި ވިޓަމިން ސީ އަދި ޕްރޮޓީން ފަދަ މާއްދާތައް މުއްސަނދި މި ތަރުކާރީން ކެންސަރުގެ ސެލްތައް ނައްތާލައި، ކެންސަރު ބަލި ޖެހުމުގެ ފުރުސަތު ކުޑަކޮށްދެ އެވެ.
ބީޓްރޫޓް
ދަގަނޑުގެ ބައި މުއްސަނދި ބީޓްރޫޓް ރޮލަށް ސެލެޑްގެ ގޮތުގައި ނުވަތަ ޖޫސް ހަދައިގެން ބޭނުން ކުރުމުން ލޭގެ ޕްރެޝަރު ކޮންޓްރޯލް ކޮށްދީ ކަސްރަތުކުރުމުގެ ކުރިން ހަށިގަނޑުގައި ވަރު ޖައްސައިދެ އެވެ.
ބަދަން
ހަނާ ކުރި ބަދަން އަނގައަށް މީރު ނަމަވެސް ރޮލަށް ބަދަން ކެއުމަކީ އެއިން ލިބޭ ފައިދާތައް ދެގުނަ ކޮށްދޭ ކަމެކެވެ. އެކި ވައްތަރުގެ ބަދަން ހަނާކޮށްގެން ކެއުމަކީ އެ ބާވަތްތަކުގެ ހިމެނޭ އެންޓި އޮކްސިޑަންޓްސް މަދުވާ ކަމެއް ކަމުން އެންމެ ރަނގަޅު ގޮތަކީ އެ ބާވަތްތައް ރޮލަށް ކެއުމެވެ.